ދުނިޔެ

ސިންގަޕޫރުން ކޮންޓެކްޓް ޓްރޭސިންގް ޑިވައިސްއެއް އުފައްދައި އެގައުމުގެ ރައްޔިތުންނަށް ދެނީ

މުހައްމަދު އައުޒަމް

ސިންގަޕޫރުން ކޮންޓެކްޓް ޓްރޭސިންގް ޑިވައިސްއެއް އުފައްދައި އެގައުމުގެ ރައްޔިތުންނަށް ދޭން ނިންމައިފިއެވެ.

ކޮވިޑް ފެތުރޭ މިންވަރު ބެލުމަށް ސިންގަޕޫރުން އުފައްދާ މި ޑިވައިސް އަކީ ލެންޔާޑުގައިވެސް އަޅައިލެވޭ އަދި އަތް ދަބަހަށް ލައިގެން ވެސް ގެންގުޅެވޭނެ ޑިވައިސްއެއް ކަމަށް އެގައުމުގެ ސަރުކާރުގެ އޮފިޝަލަކު ވަނީ ބުނެފައެވެ.

ކޮންޓެކްޓް ޓްރޭސިން ޑިވައިސް އުފެއްދުމުގެ މަސައްކަތް ފަށާފައިވާއިރު މި ޑިވައިސް ކާމިޔާބު ވެއްޖެ ނަމަ ސިންގަޕޫރުގެ 5.7 މިލިއަން މީހުންނަށް މިޑިވައިސް ދޭން ސިންގަޕޫރު ސަރުކާރުން ވަނީ ނިންމައިފައެވެ.

ސިންގަޕޫރުގެ ސަރުކާރުން ދާދިފަހުން ވަނީ ކޮންޓެކްޓް ޓްރޭސިންގް ސްމާޓް އެޕެއް އުފައްދައިފައެވެ. ނަމަވެސް ބްލޫޓޫތު ބޭނުންކުރަން ޖެހޭތީ އެގައުމުގެ ގިނަ މީހުން ވަނީ މި އެޕް ބޭނުން ކުރުން ހުއްޓާލައިފައެވެ.

ސަރުކާރުން އުފައްދާ މިޑިވައިސް ބޭނުންކުރުމުގައި މަޖުބޫރު ކަމަކަށް ހެދުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން އަދި ނިންމާފައި ނުވާކަމަށް އޮފިޝަލު ވަނީ ބުނެފައެވެ. ނަމަވެސް އެހެން ސްޓޭޖެއްގައި މަޖުބޫރުކުރަން ޖެހިދާނެކަމަށް ބެލެވޭކަމަށްވެސް ވަނީ ބުނެފައެވެ.