ދުނިޔެ

ހޮންގްކޮންގުގެ ގޮނޑުދޮށް މާސްކުތަކުން ގޮނޑުވަނީ

މުހައްމަދު އައުޒަމް

ހޮންގްކޮންގުގެ ގޮނޑުދޮށް މާސްކުތަކުން ގޮނޑުވުމުގެ މައްސަލަ ކުރިމަތިވެއްޖެ އެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ހޮންގްކޮންގުގައި އާންމުން ތަންތާނގައި މާސްކު އަޅަން ފެށުމާއެކު އޭގެ ސަބަބުން އިތުރު އެހެން މައްސަލަތައް ވެސް ވަނީ ކުރިމަތިވާން ފަށައިފަ އެވެ.

ތިމާވެށީގެ ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި ހޮންގްކޮންގުގައި ގިނަބަޔަކު ބޭނުންކުރަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ކަހަލަ މާސްކުތަކެވެ. އެހެން ވުމުން އެ މާސްކުތައް ރަނގަޅު ގޮތުގައި ނައްތައި ނުލެވޭ ކަމަށް އެމީހުން ވަނީ ފާހަގަކޮށްފައެވެ.

ހޮންގްކޮންގުން ކޮވިޑް ފެނުމުގެ ކުރިން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި މޫދަށް އުކާލެވި ކަނޑުގެ ދިރުންތަކަށް އޭގެ ސީދާ އަސަރު ކުރާ ހިސާބުތަކުގައި އެންމެ ގިނައިން ފެނިފައިވަނީ ޕްލާސްޓިކާއި ޕްލާސްޓިކުން އުފައްދާފައިވާ އެއްފަހަރު ބޭނުންކުރުމަށް ފަހު އުކާލެވޭ ތަކެއްޗެވެ. ދިރާސާ ކުރާ ފަރާތްތަކުން ވަނީ މިހާރު އެންމެ ގިނަވެފައިވަނީ މާސްކު ކަމަށާއި މިއީ މޫދުގެ ދިރުންތަކަށް ހުރި ބޮޑު ނުރައްކަލެއްކަމަށް ބުނެފައެވެ.

ހޮންގްކޮންގްގައި 7.5 މިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮންނަ އިރު، އަހަރަކު 6 މިލިއަން ޓަނުގެ ކުނި އެގައުމުން އުފައްދާކަމަށް ދިރާސާ ތަކުން ދައްކައެވެ. މިކުނީގެ ތެރެއިން 30 ޕަސެންޓު ކުނި ހޮންގްކޮންގުގައި ރިސައިކަލް ކުރެއެވެ.