ދުނިޔެ

އޮގަސްޓު އެކަކުން ފެށިގެން ފަތުރުވެރިންނަށް ލަންކާ ހުޅުވާލަނީ، އެއާޕޯޓުގައި ކޮވިޑް ޓެސްޓު ހިލޭ ހެދޭނެ

މުހައްމަދު އައުޒަމް

ހަރުކަށި ގަވާއިދުތަކާއެކު އޮގަސްޓު އެކަކުން ފެށިގެން ފަތުރުވެރިންނަށް ލަންކާ ވެސް ހުޅުވައިލަން ނިންމައިފިއެވެ.

ކޮވިޑް ފެތުރުން ހުއްޓުވުމަށް އެޅި ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ލަންކާއަށް ބޭރު މީހުން އެތެރެވުން ހުއްޓުވުމަށް ފަހު އަލުން ހުޅުވުމަށް ތައްޔާރުވާއިރު އެގައުމުން ވަނީ ޓުއަރިސްޓުންނަށް ގައިޑްލައިން ތަކެއް އެކުލަވާލައި އާންމުކޮށްފައެވެ.

އެ ގައިޑްލައިންގައި ވާގޮތުން ލަންކާއަށް އެތެރެވުމަށް ހުރިހާ ގައުމުތަކެއްގެ މީހުންނަށްވެސް ވިސާ ދިނުމަށް ވަނީ ނިންމާފައެވެ.

ލަންކާއިން ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކަށް ފުރަތަމަ ހުޅުވާލަން ނިންމާފައިވަނީ އެގައުމުގެ މައި އެއާޕޯޓް ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ކޮލަމްބޯ ރަޓަމަލާ އެއާޕޯޓާއި މައްޓަލަ އެއާޕޯޓަށެވެ.

ގައިޑްލައިންގައި ވާގޮތުން ލަންކާއަށް އެތެރެވާ އެންމެންވެސް އެތެރެވުމުގެ ކުރިން އޮންލައިން ކޮށް ވިސާ ނަގަން ޖެހެއެވެ. އޮންލައިންކޮށް 30 ދުވަހުގެ ވިސާ ލިބޭއިރު އެތެރެވުމަށްފަހު ވިސާގެ މުއްދަތު 6 މަސް ދުވަހަށް އިތުރު ކުރެވޭނެއެވެ. އޮންލައިން ކޮށް ވިސާ ނަގާއިރު 100 ޑޮލަރު ޗާޖު ކުރާނެ ކަމަށް ގައިޑްލައިންގައި ފާހަގަކޮށްފައި ވެއެވެ.

ލަންކާއަށް ފުރުމަށް ދަތުރުފެށުމުގެ ކުރިން އެމީހަކު ހުރި ގައުމަކުން ކޮވިޑް ހުރިތޯ ބެލުމަށް ޕީސީއާރު ޓެސްޓު ހަދަން ޖެހެއެވެ. އަދި އެ ޓެސްޓަކީ ފުލައިޓަށް އަރަން ބޯޑު ކުރާ ވަގުތުގެ އެންމެ ގިނަވެގެން 72 ގަޑިއިރު ކުރީން ހަދާފައިވާ ޓެސްޓަކަށް ވާން ޖެހެ އެވެ.

ލަންކާގެ އެއާޕޯޓުތަކުގައި ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އެގޮތުން އެގައުމަށް އެތެރެވާ ހުރިހާ ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރުމަށް ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭނެއެވެ. މިޓެސްޓު އެއާޕޯޓުން ހިލޭ ހެދޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. އަދި 4 ނުވަތަ 6 ގަޑިއިރުތެރޭ ނަތީޖާ ލިބިގެންދާނެކަމަށް ގައިޑްލައިންގައި ފާހަގަކޮށްފައި ވެއެވެ.

ޓެސްޓުގެ ނަތީޖާ ލަސްވާނަމަ ނަތީޖާ ލިބެންދެން އެއްރޭ ކޮލަމްބޯ ނުވަތަ ނިގަމްބޯގެ ހާއްސަ ހޮޓަލެއްގައި ހުރެވޭނެއެވެ. މީގެ އިތުރުން އިތުރު ޓެސްޓެއް ލަންކާއަށް އެތެރެވިތާ 4 ނުވަތަ 5 ދުވަހުގެ ތެރޭގައި ހަދަން ޖެހޭނެއެވެ. މިޓެސްޓު ހެދުމަށް ހާއްސަ މޯބައިލް ޓީމެއް ހަރަކާތްތެރިވާނެއެވެ.

ލަންކާގައި ހޭދަކުރާ މުއްދަތު 10 ދުވަހަށްވުރެ އިތުރުވާނަމަ ތިންވަނަ ޓެސްޓެއް ހަދާނެއެވެ. ގައިޑްލައިންގައި ވާގޮތުން މިޓެސްޓަކީ އެންމެންގެ ރައްކަލަކަށް ނަގާ ފަހުޓެސްޓު ކަމަށެވެ.

ޕީސީއާރް އެއްވެސް ޓެސްޓެއް ޕޮޒިޓިވް ވެއްޖެނަމަ ހާއްސަ ކަރަންޓީނު ފެސިލިޓީއެއްގައި މަޑުކުރަން ޖެހޭނެއެވެ. އަލާމާތްތައް ފެނިގެން ކަރަންޓީނު ކުރާނަމަ 14 ދުވަހާއި 21 ދުވަހާ ދެމެދުގެ މުއްދަތަކަށް ކަރަންޓީނުގައި މަޑުކުރަން ޖެހޭނެއެވެ.

ލަންކާއަށް ފަތުރުވެރިޔެއްގެ ގޮތުގައި އެތެރެވުމަށްފަހު އާންމު ދަތުރުފަތުރުގައި ބޭނުންކުރާ އެއްވެސް ވަސީލަތެއް ބޭނުމެއް ނުކުރެވޭނެއެވެ. ބޭނުންކުރެވޭނީ ހަމައެކަނޮ ހޮޓަލުގެ ޓްރާންސްޕޯޓު ވެހިކަލްތަކެވެ.

ގައިޑްލައިންގައި ވާގޮތުން ލަންކާއަށް އެތެރެވުމަށްފަހު މަދުވެގެން 5 ދުވަހު މަޑުކުރަން ޖެހޭނެއެވެ. އަދި ލަންކާގައި މަޑުކުރެވޭނީ އެގައުމުގެ ޓުއަރިޒަމް މިނިސްޓްރީން ހަދާ އޮޑިޓަކުން ފާސްވާ ހޮޓާތަކުގައި ކަމަށްވެސް މިގައިޑްލައިން ގައި ފާހަގަކޮށްފައި ވެއެވެ. އޮޑިޓުން ފާސްވާ ހޮޓާތައް ޓުއަރިޒަމް މިނިސްޓްރީން ލިސްޓުކުރާނެއެވެ.

ލަންކާގައި ވަނީ ކޮވިޑުން ސަލާމަތް ވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ލަންކާގައި އާންމުންގެތެރޭގައި އެކްޓިވް ކްލަސްޓާއެއް ނުފެންނަތާ މިހާރު ވަނީ 30 ދުވަސް ވެފައެވެ.