މުހައްމަދު އައުޒަމް
ވައިރަސްގެ ފުރަތަމަ ރާޅުން ސަލާމަތްވެ ފިޖީގައި ކޮވިޑް ނެތްކަން އިއުލާންކޮށްފިއެވެ.
ފިޖީ އިން ވަނީ އެގައުމުގައި ކޮވިޑް ޖެހުނު ހުރިހާ އެންމެން ބަލިން ފަސޭހަވެ ހޮސްޕިޓަލުން ދޫކޮށްފައިވާކަން އަންގައި އެގައުމު ކޮވިޑްގެ ފުރަތަމަ ރާޅުން ސަލާމަތް ވެއްޖެކަމަށް ބުނެފައެވެ.
ޒިންހުއާ ނިއުސް އަށް މައުލޫމާތު ދެއްވަމުން ފިޖީގެ ހެލްތު މިނިސްޓަރު ވިދާޅުވީ އެގައުމު ދެން ތައްޔާރުވާނީ ކުރެވުނު ހުރިހާ މަސައްކަތެއް ކޮށްގެން އެގައުމަށް ކޮވިޑްގެ އިތުރު ރާޅެއް ނާރާނެ ގޮތްތައް ހޯދަން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މުޅި ގައުމު އޮތީ ތައްޔާރީ ހާލަތެއްގައި ރައްކާތެރި ފިޔަވަޅު އަޅައިގެން ކަމަށެވެ.
ފިޖީގައި ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރި ވި ޑޮކްޓަރުންނާއި ނަރުހުން މިހާރު ތިބީ ސެލްފް އައިސޮލޭޝަންގައެވެ.
ފިޖީއިން މިހާތަނަށް 2000 މީހުން ކޮވިޑަށް ޓެސްޓު ކޮށްފައި ވެއެވެ. އެގައުމުގައި 18 މީހުންނަށް ކޮވިޑް ޖެހި ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ވަނީ ދޫކޮށްފައެވެ. 100 އެއްހާ މީހުން މިހާރުވެސް ކަރަންޓީނު ކޮށްފައިވާ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ފިޖީގައި ކޮވިޑުން ރައްކާތެރިވުމަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅައިފައެެވެ. އެގައުމުގައި މިހާރުވެސް ރޭގަނޑު 10 އިން ފަތިހު 5 ޖެހުމާ ދެމެދު ކާފިއު ހިންގަމުންދެއެވެ. އަދި އެއްވުންތައް ބޭއްވުމުގައި ގައިދުރުކަމާއެކު ގިނަވެގެން 20 މީހުން އެއްފަހަރާ އެއްވުމުގެ ހުއްދަވެސް ވަނީ ދީފައެވެ.