އެމޭޒަންގެ ގުދަނެއްގައި އަލިފާން ރޯވެ އަނދައި ހުލިވެއްޖެއެވެ.
ކެލިފޯނިޔާގެ ރެޑްލޭންޑްސް ގައި ހުންނަ އެމޭޒަންގެ ޑިސްޓްރިބިއުޝަން ސެންޓަރުގެ ގޮތުގައި ބޭނުންކުރާ ގުދަން ރޯވެ މާގިނައިރުތަކެއް ނުވެ މުޅިގުދަން ވަނީ އަނދައި ހުލިވެފައެވެ.
ރެޑްލޭންޑްސް ސިޓީގެ ތަރުޖަމާނާ ހަވާލާދީ ސީއެންއެން އިން ބުނީ ތިން ފަހަރު އެލާމް އެޅުމަށްފަހު އެގުދަނުގެ ފުރާޅުން ގަދަޔަށް ދުން އަރަން ފެށި ކަމަށެވެ. އަދި މާގިނަ އިރުތަކެއް ނުވެ އަލިފާންގަނޑު ފެތުރި މުޅި ގުދަން އަނދައިގެންދިޔަ ކަމަށެވެ.
އަލިފާން ރޯވިކަން އެނގުމާއެކު އެސަރަހައްދުގެ އަލިފާން ނިއްވާ ޓީމުތަކުން އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
އެގުދަނުގައި ވަޒީފާ އަދާކުރާ 100 ވަރަކަށް މުވައްޒަފުން ރައްކާތެރިކަމާއެކު އެތަނުން ބޭރުކޮށްފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. އަދި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށްވެސް މައުލޫމާތު ލިބެއެވެ.
އެމޭޒަންގެ ބޮޑެތި ކާގޯ މުދާ އޮޕަރޭޓް ކުރުމަށް ބޭނުން ކުރާ މިގުދަން ހިންގައި ބަލަހައްޓަނީ އެހެން ކުންފުންޏަކުންނެވެ. އަލިފާނުގެ ސަބަބުން ލިބިފައިވާ ގެއްލުން އަދި ސާފު ނުވާކަމަށް އެމޭޒަން އިން ވަނީ ބުނެފައެވެ.
ރެޑްލޭންޑްގެ ފަޔާ ޑިޕާޓްމަންޓުން ވަނީ މިހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ތަހުގީގު ފަށައިފައެެވެ.