ރާއްޖޭގައި ކޮވިޑު ޖެހުނު އިތުރު 69 މީހުން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ ޖުމުލަ 717 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 11 މީހެކެވެ. އެއީ އަށް ދިވެއްސަކާއި ބަންގުލަދޭޝްގެ ތިން މީހެކެވެ. އެއާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 1883 އަށް އަރައިފައެވެ.
ފާއިތުވެދިޔަ ތިން ދުވަހު ވެސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މަދެވެ. މިދިޔަ އަންގާރަ ދުވަހު 12 މީހަކު ޕޮޒިޓިވްވެފައިވާ އިރު، މިދިޔަ ބުދަ ދުވަހު ޕޮޒިޓިވްވެފައިވަނީ ނުވަ މީހެކެވެ. އަދި އިއްޔެ ޕޮޒިޓިވްވެފައިވަނީ 22 މީހެކެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތް މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ ތިން މީހެކެވެ.