އައިޖީއެމްއެޗް

ކުއްޖާގެ ހާލު ސީރިއަސް، ސިމެންތި ބަސްތާ ބޮލަށް ވެއްޓޭ ވީޑިއޯ އާންމުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

މާލޭގެ މަގެއްގެ މަތީން ހިނގާފައި ދިޔަ ކުޑަ ކުއްޖެއްގެ ބޮލަށް ހަދަމުންދިޔަ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯ އާންމުކޮށްފިއެވެ.

ވީޑިއޯ އާންމު ކުރި އިރު އެކުއްޖާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފައި ވެއެވެ. ''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ އަދި މީޑިއާ އޮފިޝަލް މުހައްމަދު މުފީދު ވިދާޅުވީ ސިމެންތި ބަސްތާ ވެއްޓިގެން އެހޮސްޕިޓަލަށް ގެންދިޔަ ކުޑަ ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި މިހާރު ތިއޭޓަރުގައި އޮޕަރޭޝަނެއް ކުރަމުން އަންނަ ކަމަށެވެ.

ޓުވިޓާގައި ދައުރުވާ ވީޑިއޯ ---

މުފީދު ވިދާޅުވީ ނުވަ އަހަރުގެ އަންހެން ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ކުއްޖާ އެހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު 11:15 ގައި ކަމަށެވެ.

އާންމުކޮށްފައިވާ ވީޑިއޯއިން އަންހެނަކާ އެކު ހިނގާފައި ދިޔަ އެކުއްޖާގެ ބޯމައްޗަށް މަތިން ސިމެންތި ބަސްތާ ވެއްޓުމުން އެވަގުތު އެތާގަ ތިބި މީހުން އަމިއްލަ ސަލާމަތަށް ދުއްވައިގަންނަ މަންޒަރު ފެނެއެވެ. ނަމަވެސް ކުއްޖާގެ ބޯމައްޗަށް ބަސްތާ ވެއްޓުމާއެކު ކުއްޖާ ހުރިތަނަށް ވެއްޓޭ މަންޒަރު ފެންނަ އިރު ފަހަތުން އައި އަންހެން މީހާ ހުރީ ކުއްޖާގެ ފަހަތުގައެވެ.

މިހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 10:45 އެހާކަށްހާއިރުއެވެ. އެނގިފައިވާ ގޮތުގައި ސިމެންތި ބަސްތާ ވެއްޓުނީ ސަންފްރޮންޓް ލައިޓް ހުންނަ މ. ނަލަހިޔާ މަންޒިލްގައި ހަދަމުން އަންނަ އިމާރާތުގެ ފަސް ވަނަ ބުރިންނެވެ.