ރެހެންދި ސްކޫލު ޕްރިންސިޕަލްގެ ސޯޝަލް މީޑިއާ އެކައުންޓުތަކާއި ސްކޫލުގެ ފޭސްބުކް އަދި ޓުވިޓާ އެކައުންޓު ހެކްކޮށްފިއެވެ.
ރެހެންދި ސްކޫލުގެ ޓުވިޓާ އެކައުންޓާއި ފޭސްބުކް އެކައުންޓު އަދި އެ ސްކޫލުގެ ޕްރިންސިޕަލު ނާޒިމް އަބްދުﷲގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށްފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ ރެހެންދި ސްކޫލުގެ ޓުވިޓާ އެކައުންޓާއި ފޭސްބުކް އެކައުންޓު އަދި އެ ސްކޫލުގެ ޕްރިންސިޕަލުގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އެކަން ފޭސްބުކާއި ޓުވިޓާއަށް އަންގާފައިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެ އެކައުންޓުތައް ހެކްކޮށްފައިވީ ނަމަވެސް، އެއްވެސް ޓުވީޓެއް ނުވަތަ ޕޯސްޓެއް ކޮށްފައިވާކަން އަދި ފެންނާކަށް ނެތެވެ.
ދާދި ފަހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ވެބްސައިޓާއި ހެލްތު މިނިސްޓްރީގެ ވެބްސައިޓާއި ޓޫރިޒަމް މިނިސްޓްރީގެ ޓުވިޓާ އެކައުންޓާއި ފޭސްބުކް އެކައުންޓު ވެސް ވަނީ ހެކްކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ އެކައުންޓުތައް ހެކްކޮށް، ސަރުކާރަށް ފާޑުކިޔައި ސުވާލުތަކެއް ވަނީ ކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޓުވިޓާ އެކައުންޓު ހެކްކޮށް، އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގެ ކޮވިޑުގެ ބަލިމަޑުކަމުގެ ވަގުތުގައި އެގައުމުގެ ރައްޔިތުންނަށް އެހީވަމުން އަންނަ ކަމަށެވެ. ދިވެހި ސަރުކާރުން ރައްޔިތުންނަށް އެހީތެރިކަން ނުދެނީ ކީއްވެތޯ ވެސް އެ ޓުވީޓުގައި ސުވާލުކޮށްފައިވެއެވެ.
އެޗްޕީއޭގެ ވެބްސައިޓާއި ހެލްތު މިނިސްޓްރީގެ ވެބްސައިޓު އަދި ޓޫރިޒަމް މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކުރި މައްސަލަ ފުލުހުން ވަނީ ތަހުގީގުކުރަން ފަށައިފައެވެ.