ކުއްލި ޚަބަރު

ކުޑަވަހުދޫގައި ދުވަސްނުފުރާ ވިހެއި ދެ ކުއްޖަކު ނިޔާވެއްޖެ

ދ. ކުޑަވަހުދޫގައި ދުވަސްނުފުރާ ވިހެއި ދެ ކުއްޖަކު ނިޔާވެއްޖެއެވެ.

އެކަން ކަށަވަރު ކޮށްދެއްވައި ކުޑަވަހުދޫ ކައުންސިލުގެ ރައީސް އަހުމަދު ޝާމް ވިދާޅުވީ އަންހެން މީހާ ވިހެއީ މިއަދު ހެނދުނު 10:00 ހާއިރު ކަމަށާއި ވިހޭއިރު ބަނޑަށް 24 ހަފުތާ ކަމަށެވެ.

ނަމަވެސް އެ ދެކުދިން ވިހެއި އިރުވެސް ހާލު ކްރިޓިކަލް ކަމަށާއި އަދި ކުޑަވަހުދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލުގައި ދުވަސް ނުފުރާ ވިހާ ކުދިންނަށް ފަރުވާ ދެވޭނެ އިންތިޒާމުތަކެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ދެ ކުދިން މަރުވިއިރު އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ ހުއްދަ ލިބުން ލަސްވި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޝާމް ވިދާޅުވީ، އަވަސް ފަރުވާއަށް ގެންދަން ފުލައިޓު ލަސްވުމުގެ މައްސަލައަކީ އަބަދުވެސް ދިމާވާ މައްސަލައެއް ކަމަށެވެ. އަދި މިކަމުގައި އިހުމާލެ އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް ވިދާޅުވިއެވެ.

"އިހުމާލެއް އޮތް ކަމެއް ނުފެނޭ. ދެކުދިން ވިހޭ އިރުވެސް ހާލު ކްރިޓިކަލް. އެކަމަކު ސީޕްލޭން އައުމުގެ ކުރިން ފުރަތަމަ ކުއްޖާ ނިޔާވެއްޖެ. ދެވަނަ ކުއްޖާ ނިޔާވީ ސީޕްލޭން އައި ފަހުން. އެކަމަކު ދުވަސްނުފުރާ ވިހެއުމާއެކު ކްރިޓިކަލް ކަމުން ނުގެންދެވުނީ. ސީޕްލޭނަށް އާދެވުނީ 2:15 އެހާކަންހާއިރު،" ޝާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދެކުދިންގެ މަންމަ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް މިއީ އެ އަންހެން މީހާގެ އަލަތު ކުދިން ކަމެއް ނޭނގެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ދ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރަށް ގުޅުމުން ފޯނު ނުނަންގަވާތީ، ހޮސްޕިޓަލުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.