ރައްޔިތުންގެ މަޖިލީހުގައި މުހިއްމު ބިލްތަކަކަށް ވޯޓު އެހުމަށް ތާވަލްކޮށްފައި ވަނިކޮށް، މަޖިލީހުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ވޯޓުލުން ފަސްކޮށް މެންބަރުން ޗުއްޓީއަށް ވަޑައިގަތުމުން ނާދިރާ އެކަމާ ފާޑުވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ނާދިރާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ހާސިލްވީ ކޮންކަމެއްތޯ ސުވާލުކުރައްވައިފަ އެވެ. މީގެ އިތުރުން މަޖިލީހުން މުހިއްމު ބިލްތަކަކަށް ވޯޓުލުމަށް ތާވަލްކޮށްފައި ވުމުން މި ބިލްތަކަށް ވޯޓު ލުމުގެ ގޮތުން ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު މެޑިކަލް އެޕޮއިންޓްމަންޓެއް ކެންސަލް ކުރައްވައި މަޖިލީހަށް ހާޒިރުވެވަޑައިގެންނެވީތީ ނާދިރާ ވަނީ އިލްހާމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މީގެއިތުރުން މި ޓުވީޓްގައި، މަޖިލީހުގެ ޖަލްސާތަކުގައި މިފަދަ މުހިއްމު ބިލްތަކަށް ވޯޓު އެހުމަށް ތާވަލް ކުރާއިރު މިހާރަށް ވުރެ މެންބަރުންގެ މެދުގައި އޮންނަ ރޭވުންތެރިކަން ރަނގަޅު ކުރަންޖެހޭ ކަމަށްވެސް ނާދިރާ ވަނީ ވިދާޅުވެފަ އެވެ.
މިއަހަރު މަޖިލީހުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާ އިއްޔެ ކުރިޔަށް ދިޔަ އިރު ޖަލްސާގައި ޕެންޝަން ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށައެޅި އިސްލާހުގެ އިތުރުން، ރިޔާސީ ކޮމިޝަންތަކުގެ ބިލް އަދި ބާ ކައުންސިލެއް އުފެއްދުމާ ގުޅޭ ގޮތުން މަޖިލީހަށް ހުށައެޅި ބިލަށް ވޯޓަށް އެހުމަށް ވަނީ އެޖެންޑަކޮށްފައެވެ. މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ރައްޔިތުން އެމައްޗަށް އަމަލުކުރާން ގާނޫނެއް ފާސްކުރުމަށް ވޯޓަށް އެހޭނީ މަދުވެގެން 43 މެންބަރުން ހާޒިރުވެވަޑައިގެން ތިއްބެވި ނަމައެވެ. ނަމަވެސް އިއްޔެގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތީ 39 މެންބަރުންނެވެ.