ކޮވިޑް 19

ކޮވިޑް 19 : ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 45،000 އެއްހާ މުވައްޒަފުންނަށް އަސަރުކޮށްފައިވޭ!

އަލީ ޔާމިން

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 45،000 އެއްހާ މުވައްޒަފުންނަށް ކޮވިޑް 19ގެ އަސަރު ސީދާ ގޮތުން ކޮށްފައިވާ ކަމަށް ކޮވިޑުގެ ސަބަބުން ރާއްޖެއަށް އަސަރު ކޮށްފައިވާ މިންވަރު ދެނެގަތުމަށް ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ ރާއްޖޭގެ ގޮތްޕާއި، އިކޮނޮމިކް މިނިސްޓްރީ އާއި ކަމާބެހޭ އެހެން ފަރާތްތަކުން ގުޅިގެން ހެދި އެސެސްމަންޓުން ދައްކައިފިއެވެ.

މި އެސެސްމަންޓް ހަދާފައިވަނީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)، ޓޫރިޒަމް މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީ، ޔޫތު މިނިސްޓްރީ އަދި ހެރިޓޭޖު މިނިސްޓްރީގެ އިތުރުން ކޮމިޔުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއެކުގައެވެ.

ކޮވިޑް 19ގެ ސަބަބުން ރާއްޖެއަށް ކޮށްފައިވާ އަސަރު ދެނެގަތުމަށް ހެދުނު އެސެސްމަންޓުން ދައްކާ ގޮތުގައި، ކޮވިޑުގެ ސަަބަބުން އެންމެ ބޮޑު ހީނަރުކަމެއް އައިސްފައިވަނީ ރާއްޖޭގެ މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. އެގޮތުން ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއެކު، ފަތުރުވެރިކަން ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި އެކަމުގެ ސަބަބުން އިގުތިސާދަށް ބޮޑެތި ލޮޅުންތަކެއް އައިސްފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އައި ހީނަރުކަމާއެކު ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ގާތްގަނޑަކަށް 45،000 މުވައްޒަފުންނަށް އެކަމުގެ އަސަރު ސީދާގޮތުން ކޮށްފައިވާ ކަމަށް އެސެސްމަންޓުގައި ބުނެފައިވެއެވެ. އަދި އޭގެ ތެރޭގައި 22،000 ދިވެހިން މުވައްޒަފުންވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ރިސޯޓުތަކުން ބައެއް މުވައްޒަފުންގެ މުސާރަ ބޮޑުތަނުން ކުޑަކޮށްފައިވާ ކަމަށާއި ބައެއް މުވައްޒަފުން ނޯޕޭއަށް ފޮނުވާލައިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ރިސޯޓުތަކުގައި މަސައްކަތް ކުރާ ޕްރޮބޭޝަންގެ މުއްދަތު ހަމަނުވާ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން އިގުތިސާދީ ކާރިސާގެ ސަބަބުން އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ މީހުންނަށްވެސް ބޮޑެތި ގެއްލުންތަކެއްވެފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި ކޮވިޑުގެ އަސަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ހުރިހާ ސިނާއަތަކަށްވެސް ކޮށްފައިވާ ކަމަށް އެސެސްމަންޓުގައިވެއެވެ.

އެ އެސެސްމަންޓުގައި ވަނީ "ނިއު ނޯމަލް"ގައި ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލާއިރު އަމަލު ކުރަން ޖެހޭނެ ގޮތުގެ ހަރުދަނާ އުސޫލެއް އެކުލަވާލެވި، އެ އުސޫލަށް އަމަލު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކޮށްފައެވެ. އަދި މުސްތަގުބަލުގައި ވެސް މިފަދަ ބަލިމަޑުކަމެއް ކުރިމަތިވެއްޖެނަމަ މުވައްޒަފުންގެ ވަޒީފާއަށާއި ދިރިއުޅުމަށް ކުރާ އަސަރު ވީހާވެސް ކުޑަކުރެވޭނެ ގޮތަށް ކަންކަން ރާވަން ޖެހޭ ކަމަށާއި އެކަމުގެ މަސައްކަތްތައް މައި ސަރުކާރާއި، މިނިސްޓްރީތަކުން ގުޅިގެން ކުރަން ޖެހޭ ކަމަށް ބުނެފައިވެއެވެ.