ދުނިޔެ

ތަލަ މީހުންނަށް ކޮވިޑް-19ގެ ނުރައްކާ ބޮޑު: ދިރާސާ

މުހައްމަދު އައުޒަމް

ތަލަ މީހުންނަށް ކޮވިޑް 19ގެ ނުރައްކާ ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ސައިންސްވެރިން ކުރި ދިރާސާއިން ދައްކާގޮތުން ތަލަ ފިރިހެނުން ކޮވިޑް-19 ޖެހި މަރުވާ ރޭޓު ބޮޑެވެ. ދިރާސާއިން ދައްކާގޮތުން އެންޑްރޮޖެން ކިޔާ ހޯމޯނެއްގެ ސަބަބުން ސެލްތަކަށް ހަމަލާ ދިނުމަށް ވައިރަސް އަށް ފަސޭހަ ވާކަން ވަނީ ފާހަގަކުރެވިފައެވެ.

އެންޑްރޮޖެން ހޯމޯން އަކީ ފިރިހެނުން ތަލަވުމަށް މަގުފަހި ކުރުވާ އެއް ހޯމޯނެވެ.

މިދިރާސާގައި އެންމެ އިސްކޮށް މަސައްކަތްކުރި ޕްރޮފެސަރު ކާލޮސް ވެމްބިއާ ވަނީ ތަލަވުމަކީ ނުރައްކާތެރި ކަންކަން ކުރިމަތިވުމަށް މަގުފަހިވާ ކަމެއް ކަމުގައި ބުނެފައެވެ.

އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތުން ނެރެފައިވާ ރިޕޯޓެއްގައި ވެސް އަންހެނުންނަށް ވުރެ ފިރިހެނުންނަށް ކޮރޯނާ ވައިރަހުގެ ނުރައްކާ ދެގުނައަށް ބޮޑުކަން ފާހަގަކޮށްފައި ވެއެވެ.

ސްޕެއިންގައި ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުން ފިރިހެނުންގެ ތެރެއިން ތަލަ މީހުން ކޮވިޑް ޖެހި ނުރައްކާ ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރި ރޭޓު އިތުރެވެ. މި ދިރާސާއިން ހާމަވެފައިވާ ގޮތުން ދިރާސާގައި ބައިވެރިވި 122 ބަލިމީހުންގެ ތެރެއިން 79 އިންސައްތަ މީހުންނަކީ ތަލަ މީހުންނެވެ.