ކުއްލި ޚަބަރު

މަޖިލިސް ހަމަނުޖެހުންތަކާ ގުޅިގެން ފުލުހަށް ހުށަހެޅުނު މައްސަލަތައް އިންސާފުވެރިކަމާއެކު ތަހުގީގުކުރާނެ: އިމްރާން

އަލީ ޔާމިން

1

މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހަށް ހުށަހެޅުނު މައްސަލަތައް އިންސާފުވެރިކަމާއެކު ތަހުގީގުކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ގާނޫނު އަސާސީ އިސްލާހުކުރަން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ބޭއްވި ޖަލްސާ ފެށުމާއެކު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވައިފައެވެ. ތިން ފަހަރު ނަން އިއްވުމުންވެސް ޝިޔާމް މަޖިލީހުގެ ތަޅުން ދޫކޮށް ވަޑައިނުގެންނެވުމުން މަޖިލީހުގެ އެމްޑީޕީ މެންބަރުން ވަނީ އޭނާ ތަޅުމުން ބޭރުކޮށްފައެވެ.

ޝިޔާމް މަޖިލީހުން ބޭރުކުރި ވަގުތު މަޖިލީހުގެ މަޝްރަހު ގޯސްވެ މެންބަރުން ބޮނޑިވެ ވަނީ އެއް މެންބަރަކު އަނެއް މެންބަރެއްގެ ގަޔަށް އަތްލައި ހޫނު ޒުވާބަކަށް ގޮސްފައެވެ. މަޖިލީހުގެ ތަޅުމުން ޝިޔާމް ބޭރުކުރި އިރު އޭނާއަށް އެކިވަރުގެ އަނިޔާތައް ވެފައިވެއެވެ. ޝިޔާމް ވަނީ މަޖިލީހުގައި އޭނާއަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލަ ފުލުހަށް ހުށަހަޅައިފައެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، މަޖިލީހުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހަށް ހުށަހެޅިފައިވާ މައްސަލަތައް އިންސާފުވެރިކަމާއެކު ތަހުގީގުކޮށް އިންސާފު ލިބެން ޖެހޭ ފަރާތްތަކަށް އިންސާފު ހޯދައިދޭނެ ކަމަށެވެ.

"އެ މައްސަލަތައް އައިސްފައި ހުރި އިރުގައި އިންސާފުވެރިކަމާއެކު އެ މައްސަލަތައް ބަލައި އެކަންކަމުގައި އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އެޅުން އެއީ އަޅުގަނޑު ދެކޭ ގޮތުގައި ފުލުހުންގެ މައްޗަށް އޮތް ޒިންމާއެއް. އެހެންކަމުން އިންސާފުވެރިކަމާއެކު އެ މައްސަލަތައް ތަހުގީގު ކުރެވި އޭގައި ލިބިދޭން ޖެހޭ ހައްގު ލިބިދިނުމަށް މަސައްކަތް ކުރުން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން މިކުރާ މަސައްކަތް،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ދައުލަތުގެ މުއައްސަސާތައް މިނިވަންކަމާއެކު ހިންގަމުން ދިއުމުގެ ތެރެއަށް ސަލާމަތީ ބާރުތަކުން ނުވަނުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީފައިވާ ކަމެއް ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޝިޔާމަށް އަނިޔާކުރި މައްސަލަ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެސް ކުށްވެރިކޮށްފައިވެއެވެ. އަދި ޝިޔާމަށް ކުރި އަނިޔާ ކުށްވެރިކޮށް ނައިފަރުގައި އިއްޔެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އިޖުތިޖާޖުވެސް ކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟