ކުއްލި ޚަބަރު

ކޮވިޑަށް ޓެސްޓު ކުރުމުގެ ހުއްދަ އެއިމްސް ކުލިނިކަށް ދެވެން ނެތްކަމަށް ހެލްތުން ވަނީ އަންގާފައި: އިހުސާން

އަލީ ޔާމިން

3

އައްޑޫ ސިޓީ ފޭދޫގައި ހިންގާ އަމިއްލަ ކުލިނިކެއް ކަމަށްވާ އެއިމްސް ޑައިގްނޯސްޓިކް ކެއާ އިން އައްޑޫގައި ކޮވިޑް 19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަމުގެ ހުއްދައަށް އެދުމުން އެ ހުއްދަ ދެވެން ނެތް ކަމަށް ހެލްތު މިނިސްޓްރީން އަންގާފައިވާ ކަމަށް އެއިމްސް އިން ބުނެެފިއެވެ.

އެއިމްސް ކުލިނިކުގެ މެނޭޖިން ޑިރެކްޓަރު އަލީ އިހުސާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑަށް ޓެސްޓުކުރުމަށް އެއިމްސް ކްލިނިކުން އެދިފައިވާ ޓެސްޓު ކުރުމުގެ ހުއްދަ ދެވެން ނެތްކަމަށް ހެލްތު މިނިސްޓްރީން އަނގަބަހުން ޖަވާބު ދީފައިވާތީ އެ ހިދުމަތް ދިނުމަށް ކުރަމުން އައި މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށެވެ.

އައްޑޫގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމައި، އެކަމުގެ ހުއްދައަށް އެއިމްސްއިން އެދިފައިވާތާ މިހާރު ހަފުތާއެއް ވެއްޖެއެވެ. ސަރުކާރުންވެސް ވަނީ މިމަހުގެ ތެރޭގައި އައްޑޫގައި ކޮވިޑަށް ޓެސްޓް ހެދޭނެ އިންތިޒާމު ސަރުކާރުގެ ފަރާތުން ހަމަޖައްސާނެ ކަމަށް ބުނެފައެވެ.

ހެޕީމާކެޓްގެ ސީއީއޯ އަދި އެއިމްސްގެ މެނޭޖިން ޑިރެކްޓަރު އިހުސާން "ވަން" އަށް ވިދާޅުވީ އެއިމްސް ކްލިނިކުން އެދިފައިވާ ހުއްދަ ދެވެން ނެތްކަން، ރަސްމީ ސިފައެއްގައި ހެލްތު މިނިސްޓްރީން އަންގާފައި ނުވި ނަމަވެސް، އެ ސެންޓަރުގައި ކޮވިޑަށް ޓެސްޓުކުރުމުގެ ހުއްދަ ދެވެން ނެތް ކަމަށް އެ ސެންޓަރުގެ ސްޓާފަކަށް ހެލްތު މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ، ހުއްދައަށް އެދުނު ފަހުން ހަފުތާއެއްވެގެން ގޮސްފައިވާއިރު، މިހާތަނަށްވެސް އެކަމުގައި ހެލްތު މިނިސްޓްރީގެ ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. އަދި ހުއްދަ ދެވެން ނެތް ކަމަށް މިނިސްޓްރީން އެންގި އިރު، އެއްވެސް ކަހަލަ އިންސްޕެކްޝަނެއް ކުރަން ނުވަތަ މައުލޫމާތެއް ސާފުކުރަންވެސް މިނިސްޓްރީން މަސައްކަތް ކޮށްފައި ނުވާކަމަށް ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ހުއްދަ ނުދޭނެކަމަށް ހެލްތުން އެންގި އިރު އެ ސެންޓަރު އޮތީ ކޮވިޑަށް ޓެސްޓު ކުރުމަށް ތައްޔާރީ ހާލަތުގައި ކަމަށެވެ. އެގޮތުން ކޮވިޑުގެ ޓެސްޓު ކުރުމަށް ގެނައި އެންޓި-ބޮޑީ ޓެސްޓުތަކަށް ހާއްސަކޮށްފައިވާ މެޝިނުން ގަޑިއިރަކަށް 36 ޓެސްޓު ހެދޭނެ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އައްޑޫގައި ޕީސީއާރު ޓެސްޓު ހެދުމުގެ އިންތިޒާމުތަކާއި، އެންޓި ޖީން ޓެސްޓުތައް ހެދުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް އެ ކުލިނިކުން ތައްޔާރަށް އޮތް ކަމަށް އިހުސާން ވިދާޅުވިއެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެންމެ ގިނަ ބަޔަކު ދިރިއުޅެނީ އައްޑޫ ސިޓީގައެވެ. އެހެންކަމުން އެ ސިޓީގައި ކޮވިޑަށް ޓެސްޓު ހެދޭނެ އިންތިޒާމު ނެތުމުން މަޖިލިސް މެންބަރުން ހިމެނޭހެން އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑަށް ޓެސްޓު ހެދެނީ ހަމައެކަނި ވެރިރަށް މާލޭގައެވެ. އެގޮތުން އައިޖީއެމްއެޗާއި، ޕޮލިސް ލެބޯޓަރީގެ އިތުރުން އޭޑީކޭއިން ކޮވިޑަށް ޓެސްޓު ކުރެވެއެވެ.

އައްޑޫގައި ކޮވިޑުގެ ޓެސްޓު ހެދުމުގެ ހުއްދަ އެއިމްސްއަށް ނުދޭން ހެލްތު މިނިސްޓްރީން އަނގަބަހުން އަންގާފައިވާއިރު، މިކަމުގައި ރަސްމީ ބަހެއް ހޯދުމަށް "ވަން"އިން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. އެގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި، ކޮވިޑުގެ ކަންކަމަށް ސަރުކާރުން ހާއްސަކޮށްފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒަށް "ވަން" އިން ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟