ދުނިޔެ

ޑިސްއިންފެކްޓް ކުރަންކަމަށް ބުނެ އިންޑިއާގެ އޭޓީއެމަކަށް ވަދެ 8.2 ލައްކަ ރުޕީސް ވަގަށްނަގައިފި

މުހައްމަދު އައުޒަމް

ޑިސްއިންފެކްޓް ކުރަން ކަމަށްބުނެ އިންޑިއާގެ އޭޓީއެމަކަށް ވަދެ 8.2 ލައްކަ ރުޕީސް ވަގަށް ނަގައިފިއެވެ.

އިންޑިއާގެ ޗެންނާއީގައި ހުންނަ އޭޓީއެމަކަށް މި މީހާ ވަދެފައިވަނީ އެތަނުގެ ސެކިއުރިޓީ ގާޑުގެ ހުއްދަވެސް ލިބިގެންނެވެ. އޮޓޯއެއްގައި އޭޓީއެމަށް ދިޔަ މި މީހާ ހުރީ ޑިސްއިންފެކްޓް ކުރާ ފުލް ކިޓުގައި ކަމަށް އިންޑިއާ ފުލުހުން ބުނެއެވެ.

މިމީހާ ވަނީ އޭޓީއެމް ޑިސްއިންފެކްޓް ކުރަން ވަދެ އޭޓީއެމްގެ ކިއޮސްކް ހުންނަ ބަޔަށް ވަދެފައެވެ. ސެކިއުރިޓީ ގާޑުވެސް ޑިސްއިންފެކްޓު ކުރާތީ ދުރަށް ޖެހި މަޑުކޮށްލުމާއެކު ވަގުކަލޭގެ ވަނީ ކިއޮސްކު ހުޅުވައި އޭޓީއެމްގައި ހުރި ފައިސާތައް ނަގަން ފަށައިފައެވެ. މިމަންޒަރު ފެނިފައިވަނީ އޭޓީއެމު ފައިސާ ނަގަން ހުރި ކަސްޓަމަރަކަށެވެ.

ޑިސްއިންފެކްޓު ކުރަން ވަތްމީހާ އޭޓީއެމް ކިއޮސްކުން ފައިސާ ނަގާކަން އެނގުމުން ކަސްޓަމަރު ވަނީ ސެކިއުރިޓީއަށް މިކަން އަންގައިފައެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވެ ވަގު ވަނީ އެ އޭޓީއެމުން 8.2 ލައްކަ ރުޕީސް ވަގަށް ނަގައިގެން އޭނާގެ އޮޓޯގައި ފިލައިފައެވެ.

މިހާދިސާ ހިނގުމާއެކު ޗެންނާއީގެ ފުލުހުންނާއި ބޭންކުގެ އިސްފަރާތްތަކުން ވަނީ ކަން ހިނގައި ދިޔަގޮތް ބަލަންފަށައިފައެވެ. އަދި 8.2 ލައްކަ ރުޕީސް އޭޓީއެމުން މަދުވެފައިވާކަން ބޭންކު މެނޭޖަރަކު ވަނީ ފުލުހުންނަށް އަންގައިފައެވެ.

ޗެންނާއީގެ ފުލުހުން ވަނީ މިމައްސަލައާއި ގުޅިގެން އެބޭންކުގެ އޭޓީއެމްތައް ބަލަހައްޓާ 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުންގެ ތަހުގީގުތަކުން މިހާތަނަށް އެނގިފައިވަނީ އޭޓީއެމެން ވައްކަން ކޮށްފައިވަނީ ކިއޮސްކު ހުޅުވޭ ތަޅުދަނޑި އޮންނަ މީހަކަށް ކަމެވެ. އަދި މި މީހަކަށް އޭޓީއެމްގެ ޕާސްވޯޑުވެސް އެނގޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.