ދުނިޔެ

ޖޯޖް ފްލޮއިޑް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވޭ - އޮޓޯޕްސީ ރިޕޯޓު

މުހައްމަދު އައުޒަމް

ޖޯޖް ފްލޮއިޑް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އޮޓޯޕްސީ ރިޕޯޓުން ދައްކައިފިއެވެ.

އެމެރިކާގެ މިނެސޯޓާގެ ހެންނެޕިން ކޯންޓީ މެޑިކަލް ސެންޓަރުން ހަދާފައިވާ 20 ސަފުހާގެ އޮޓޯޕްސީ ރިޕޯޓުން ދައްކާގޮތުން ޖޯޖް ފްލޮއިޑް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް ބެލެވެނީ މިދިޔަ އޭޕްރިލް މަހުގައެވެ.

ޖޯޖް ފްލޮއިޑްގެ އޮޓޯޕްސީ ރިޕޯޓުން ދައްކާގޮތުން އޭނާގެ ހަށިގަނޑުގައި ކޮވިޑްގެ އަސަރު ހުރިކަމަށް ތަހުލީލުތަކުން ދެއްކިނަމަވެސް އޭނާގެ ހަށިގަނޑުން ބަލީގެ އަލާމާތެއް ފެނިފައި ނުވާކަމަށްވެސް ރިޕޯޓުގައި ވެއެވެ.

އޮޓޯޕްސީ ރިޕޯޓުގައި ވާގޮތުން ޖޯޖް ފްލޮއިޑްގެ މަރަށްފަހު ހެދި ޓެސްޓުންވެސް ކޮވިޑަށް ޕޮޒިޓިވް ކަމަށް ދައްކާފައިވެއެވެ. ރިޕޯޓުގައި ވާގޮތުން ޖޯޖް ފްލޮއިޑްގެ ފުއްޕާމޭގައި އެއްވެސް މައްސަލައެއް ހުރިކަމަށް ފާހަގަ ކުރެވިފައެއް ނުވެއެވެ. ނަމަވެސް ހިތުގެ ބައެއް ހޮޅިތައް ހިމަވެފައި ވާކަން ފާހަގަކޮށްފައި ވެއެވެ.

ޖޯޖް ފްލޮއިޑް ހައްޔަރު ކުރުމަށްފަހު ބިންމައްޗަށް ވައްޓާލައި ފުލުހުން ވަނީ އޭނާގެ ކަރުގައި ކަކޫ ވިއްދައިގެން އެތައް އިރެއް ވަންދެން ތިބެފަ އެވެ. އަދި އެވަގުތު ޖޯޖް ފްލޮއިޑް ރުއިމުގެ އަޑާއެކު ނޭވާ ނުލެވޭކަމަށް އިޝާރާތްކޮށް ހަރަކާތްކުރާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ވަނީ ދައުރުވެފައެވެ. ޖޯޖް ފްލޮއިޑްގެ މަރާއެކު އެމެރިކާގައި ނަސްލީ ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ އެތައް ހާސްބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ.