ދުނިޔެ

ކޮވިޑްގެ ފަރުވާއަށް ހައިޑްރޮކްސީކްލޮރޯކްއީން ބޭނުން ކުރުމަށް ޑަބްލިއުއެޗްއޯއިން ތަހުލީލުތައް ފަށަން ނިންމައިފި

މުހައްމަދު އައުޒަމް

ކޮވިޑްގެ ފަރުވާއަށް ހައިޑްރޮކްސީކްލޮރޯކްއީން ބޭނުން ކުރުމަށް ޑަބްލިއުއެޗްއޯއިން ތަހުލީލުތައް ފަށަން ނިންމައިފިއެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނޮމް ވަނީ އެޖަމިއްޔާގެ ޑާޓާ ސޭފްޓީ މޮނިޓަރިން ބޯޑުން ކޮވިޑްގެ ފަރުވާއަށް ހައިޑްރޮކްސީކްލޮރޯކްއީން ބޭނުން ކުރުމަށް ތަހުލީލުތައް ފެށުމަށް ލަފާދީފައިވާ ކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ހައިޑްރޮކްސީކްލޮރޯކްއީން ބޭސް ތަހުލީލުކުރަމުންދަނިކޮށް ޑަބްލިއުއެޗްއޯއިން ވަނީ މިދިޔަމަހުގެ 25 ވަނަ ދުވަހު ވަގުތީ ގޮތުން އެކަން ހުއްޓުވައިފައެވެ. އެޖަމިއްޔާއިން ތަހުލީލުތައް އޭރު ހުއްޓުވާފައިވަނީ ހައިޑްރޮކްސީކްލޮރޯކްއީން އަކީ ފުރާނައަށް ނުރައްކާވާ ބޭހެއްކަމަށް ދިރާސާޔަކުން ހާމަވެފައިވާތީއެވެ. އަދި ބޭހުގެ ސަބަބުން ހިތުގެ މައްސަލަތައް ކުރިމަތިވާނެކަމުގެ އިންޒާރު ސިއްހީ މާހިރުން އޭރު ދިޔައީ ދެމުންނެވެ.

މިހާތަނަށް ހަދާފައިވާ އެއްވެސް ދިރާސާއަކުން ކޮވިޑް19 ގެ ބަލިމީހުން މަރުވާ ނިސްބަތަށް މިބޭހުގެ ސަބަބުން ބަދަލެއް އައިސްފައިވާ ކަން ފާހަގަވެފައި ނުވާކަމަށް ޑަބްލިއުއެޗްއޯގެ އޮފިޝަލަކު ވަނީ ފާހަގަކުރައްވައިފައެވެ.

ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް ވިދާޅުވީ ހައިޑްރޮކްސީކްލޮރޯކްއީން ބޭހުގެ ތަހުލީލުތައް އަލުން ފަށާއިރު ދުނިޔޭގެ 35 ގައުމަކުން 3500 އެއްހާ ކޮވިޑް ބަލިމީހުން މި ތަހުލީލުތަކުގައި ބޭނުންކުރުމަށް ނިންމާފައިވާ ކަމަށެވެ.