އައިޖީއެމްއެޗް

ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި އަނިޔާވެއްޖެ

ޝަހީދާ އަބްދުﷲ ސައީދު

މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި އަނިޔާވެއްޖެއެވެ.

މިއަދު ހެނދުނު 10:45 އެހާކަށްހާއިރު އެހާދިސާ ހިނގިކަމުގެ ރިޕޯޓް ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެނގިފައިވާ ގޮތުގައި ސިމެންތި ބަސްތާ ވެއްޓުނީ ސަން ފްރޮންޓް ލައިޓިން ކައިރީގައި ހަދަމުން އަންނަ އިމާރާތެއްގެ މަތިންނެވެ.

''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ އަދި މީޑިއާ އޮފިޝަލް މުހައްމަދު މުފީދު ވިދާޅުވީ ކުޑަ ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި އަނިޔާވެގެން ކުޑަ އަންހެންކުއްޖަކު އެހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު 11:15 ގައި ކަމަށެވެ.

ނުވަ އަހަރުގެ އެ އަންހެން ކުއްޖާއަށް އެމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށާއި، ކުއްޖާގެ ސިއްހީ ހާލަތާގުޅޭ ގޮތުން ޑޮކްޓަރުން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވާ ކަމަށް މުފީދު ވިދާޅުވިއެވެ.

އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން ހުރިހާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅު އަޅައިގެން މަސައްކަތް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް ގެންދަނީ އިލްތިމާސްކުރަމުންނެވެ. ނަމަވެސް ބައެއް ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.