ބަންކަރަށް ވެންނެވީ ކުޑަ ވަގުތުކޮޅަކަށް އެތަން އިންސްޕެކްޓް ކުރަން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ރައީސް ޓްރަމްޕް މިހެން ވިދާޅުވީ ފޮކްސް ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައެވެ. ޓްރަމްޕް ވިދާޅުވީ ބަންކަރަށް ވެންނެވީ ވެސް ދުވާލުގަޑީގައި ކަމަށާއި އެވަގުތުވެސް ވައިޓް ހައުސް ބޭރުގައި މުޒާހަރާ ކުރިޔަށް ދިޔަކަމަށެވެ.
ޓްރަމްޕް ވިދާޅުވީ މިއީ ފުރަތަމަ ފަހަރު ނޫން ކަމަށާއި ކުރިންވެސް ބަންކަރު އިންސްޕެކްޓް ކުރެއްވުމަށް ވަޑައިގަންނަވާ ކަމަށެވެ.
ނިއުޔޯކް ޓައިމްސް އިން ފުރަތަމަވަނީ މިދިޔަ ހުކުރުދުވަހުގެ ރޭގެ ވަގުތެއްގައި ރައީސް ޓްރަމްޕް ސަލާމަތީ ސަބަބަކަށް ޓަކައި ބަންކަރަށް ބަދަލުކުރިކަމަށް ރިޕޯޓުކޮށްފައެވެ. މިކަން ވައިޓްހައުސް އިން ޔަގީންކޮށްދީފައިވާ ކަމަށްވެސް ވަނީ ރިޕޯޓު ކޮށްފައެވެ.
އެމެރިކާގެ ކުރީގެ ނައިބު ރައީސް ޑިކް ޗޭނީ ވަނީ މީގެ ކުރިން ސަލާމަތީ ސަބަބަކަށްޓައި ވައިޓްހައުސްގެ ބަންކަރު ބޭނުން ކުރައްވައިފައެވެ. ޑިކް ޗޭނީ ބަންކަރަށް ބަލުކޮށްފައިވަނީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާއަށް ދިން ހަމަލާގައި ވައިޓް ހައުސްއަށް ހަމަލާއެއް އަތުވެދާނެކަމުގެ ބިރު އުފެދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ޖޯޖް ފްލޮއިޑްގެ މަރާއެކު އެމެރިކާ ހަލަބޮލިވެފައިވާއިރު އެގައުމުގެ ގިނަ ސިޓީތަކެއްގައު މިހާރު ވަނީ މުޒާހަރާތައް އިތުރުވެ ހަމަނުޖެހުންތައްވެސް އިތުރުވެފައެވެ.