މުހައްމަދު އައުޒަމް
ކޮވިޑް ޖެހިފައިވާ މީހުންނަށް ފަރުވާދިނުމަށް އައިބުޕްރޮފެން ބޭނުންކުރުމަށް ޓެސްޓު ހަދަން ފަށައިފިއެވެ.
ލަންޑަންގެ ލަންޑަންސް ގާއިސް އެންޑް ސެންޓް ތޯމަސް ހޮސްޕިޓަލާއި ކިންގްސް ކޮލެޖްގެ ޓީމަކުން ގުޅިގެން ހޯދި ހޯދުންތަކުން ދައްކާގޮތުން ނޭވާލުމަށް އުނދަގޫވާ ފަރާތްތަކާއި ގައިގައި ރިހުން ހުންނަ ފަރާތްތަކަށް މި ބޭހުން ފަރުވާކުރެވޭނެ އެވެ.
މި ޓީމުން ވަނީ މިފަރުވާއަކީ ހަރަދު ކުޑަ އަދި ނަތީޖާ އަވަހަށް ދައްކާނެ ފަރުވާއެއް ކަމަށް ބުނެފައެވެ. ފުރަތަމަ ޓްރަޔަލް ގައި އައިބުޕްރޮފެންގެ މޮޑިފައިކޮށްފައިވާ ހާއްސަ ބޭހެއް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް ޓީމުން ވަނީ ބުނެފައެވެ.
މީގެ ކުރިން ހެދި ދިރާސާއަކުން ވަނީ ނޭވާލުމުގެ މައްސަލަ ހުންނަ ޖަނަވާރުތަކަކަށް މި ބޭސް ބޭނުންކޮށް ބަލިން ފަސޭހަވެސް ކޮށްފައެވެ.
ކޮވިޑަށް ފަރުވާއެއް ހޯދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ އެކި ކަހަލަ ދިރާސާތައް ކުރަމުންނެވެ. އެހެން ނަމަވެސް މި ބަލީގެ ދާއިމީ ފަރުވާއަކަށް ވާނީ ބައްޔަށް އެކަށީގެންވާ ރަނގަޅު ވެކްސިނެއް އުފެއްދުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފަ އެވެ.