ކޮވިޑް 19

ދިވެހީންނަކީ އެންގުންތަކަށް ބޯލަނބާ ބައެއް، ފެންނަނީ ކަންކަން ރަނގަޅަށް ތަންފީޒުކުރާ ތަން: ޑރ. ކަރިސާ

ދިވެހީންނަކީ ކަމާ ގުޅޭ އިދާރާތަކުން އަންގާ އެންގުންތަކަށްވަރަށް ފުރިހަމަޔަށް ބޯލަނބާ ބައެއް ކަމަށާއި ފެންނަނީ ކަމާ ގުޅުން ހުރި މުއައްސަސާތަކުންވެސް ކަންކަން ވަރަށް ރަނގަޅަށް ތަންފީޒުކުރަމުން އަންނަތަން ކަމަށް ޑރ. ކަރިސާ ސައުންޑަސަން ވިދާޅުވެއްޖެ އެވެ.

ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ކޮވިޑާ ގުޅޭ ތަމްރީނު ދިނުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއި އެކު ސައުތު އެފްރިކާއިންއިން ރާއްޖެ ގެނައި މެޑިކަލް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ކަރިސާ، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން އެޓީމުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފެނިގެން ދިޔައީ ރާއްޖޭގައި މި ބަލިމަޑުކަމުން އަރައިގަތުމަށް އެންމެން އެއް ރޫހެއްގައި މަސައްކަތް ކުރަމުން އަންނަ މަންޒަރު ކަމަށެވެ.

އެގޮތުން މުއައްސަސާތަކުން އަންގާ އެންގުންތަކަށް ރައްޔިތުން ބޯލެނބުމާއި ކޮވިޑާ ގުޅިގެން ސިއްހީ އިދާރާތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަ މަންޒަރު ފެންނަ ކަމަށާއި މި ބަލިމަޑުކަމުން އަރައިގަތުމަށް ހުރިހާ އެންމެން އެއްތަނެއްގައި ނެތްކަމުގައި ވިޔަސް އެންމެންގެ އަމާޒަކީ އެއް އަމާޒެއް ކަމަށެވެ.

"ހުރިހާ އެންމެން އެއް ބޯޓެއްގައި ނެތަސް އެންމެންވެސް މިއުޅެނީ އެއް ތޫފާނެއްގައި" ޑރ. ކަރިސާ ވިދާޅުވިއެވެ.

ޑރ. ކަރިސާ ވިދާޅުވީ އެންމެން އެއް ރޫހެއްގައި މަސައްކަތް ނުކޮށްފިނަމަ ސަލާމަތުގެ އައްސޭރިޔަށް ދިއުމަކީ އުނދަގޫ ކަމެއް ކަމަށެވެ. މި މަސައްކަތުގައި އެހީތެރިކަން ދެނީ ކަންކަން ކުރަން ދަސްކޮށްދިނުމަށް އެކަނި ނޫންކަމަށާއި އިތުބާރާއި އެކު ކަންކަމާއި ކުރިމަތި ލުމުގެ ގާބިލުކަން އިތުރު ކުރުން ކަމަށް އެހީތެރިކަން ދޭ ކަމަށް ވެސް ޑރ. ކަރިސާ ވިދާޅުވިއެވެ.