ކޮވިޑް 19

އެންމެ މުހިންމު އެއްޗަކީ ބަލީން ރައްކާތެރިވުމަށް ބޭނުންވާ ހޭލުންތެރިކަން: ޑރ. ބްރޫސް

ކޮވިޑުން ރައްކާތެރިވެ ދިރިއުޅޭ މުޖުތަމައެއް ބިނާކުރުމަށްޓަކައި އެންމެ މުހިންމު އެއްޗަކީ ބަލީން ރައްކާތެރިވުމަށް ބޭނުންވާ ހޭލުންތެރިކަން އުފެއްދުން ކަމަށް ޑރ. ބްރޫސް ސްޓޯވާ ވިދާޅުވެއްޖެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޑރ. ބްރޫސް ވިދާޅުވީ ކޮވިޑް 19 ގެ ބަލިމަޑުކަމުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

ޑރ. ބްރޫސް އަކީ ސައުތު އެފްރިކާގެ ހޮސްޕިޓަލެއްގެ އައިސީޔޫގެ ހެޑް ޑޮކްޓަރުގެ މަގާމު އަދާ ކުރައްވާ ބޭފުޅެކެވެ. އެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ އައިސީޔޫގައި ދެ ހަފްތާއަށް މަސައްކަތް ކުރއްވާފައި ވާނެކަމަށް ޑރ. ބްރޫސް ވިދާޅުވިއެވެ. ޑރ. ބްރޫސް ވިދާޅުވީ އައިޖީއެމްއެޗްގެ އައިސީޔޫގައި މަސައްކަތް ކުރާ ނަރުހުންގެ ޓީމަކީ މިހާތަނަށް އެކުގައި މަސައްކަތް ކުރެވުނު އެންމެ ރަނގަޅު ޓީމު ކަމަށެވެ.

މި ޓީމަށް މިފަދަ ޕެންޑެމިކެއްގައި، ހޮސްޕިޓަލުގެ ޕްރޮޓޮކޯލްތަކާއެކު މަސައްކަތް ކުރަންވީ ގޮތް ކިޔައިދީ، ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުކޮށްދެއްވާފައި ވާނެކަމަށް ޑރ. ބްރޫސް ވިދާޅުވިއެވެ. އަދި މި މުއްދަތުގައި އެހެން ހޮސްޕިޓާތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ އައިސީޔޫގައި މަސައްކަތް ކުރާނެ ގޮތުގެ މިންގަނޑެއް އެކުލަވާލައި، އެ ޕްރޮޓޯކޯލް ފޮނުވާފައިވާނެ ކަމަށްވެސް ޑރ. ބްރޫސް ވިދާޅުވިއެވެ.

ޑރ. ބްރޫސް ވިދާޅުވީ ކޮވިޑުން ރައްކާތެރިވެ ދިރިއުޅޭ މުޖުތަމައެއް ބިނާކުރުމަށްޓަކައި ކޮވިޑް 19 އާއި ގުޅިގެން ރައްޔިތުން ހޭލުންތެރިވެ ތިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ކޮވިޑް 19ގެ އެކި ކަންކަމާއި ގުޅިގެން ކަން ކުރަންވީ ގޮތުގެ މައުލޫމާތު ހޯދައި، ބައްޔާބެހޭ މައުލޫމާތު އެނގުމަކީ ބަލީން ރައްކާތެރިވުމަށް އެންމެ މުހިއްމު ކަންތައް ކަމަށްވެސް ޑރ. ބްރޫސް ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމު ހުޅުވާލުލަން ވާނީ ކޮވިޑް ބަލި އޮތްކަން ދެނެގަނެ، އެކަމަށް ތައްޔާރުވެ، އެކަމާ ގުޅިގެން ވަކި ޕްރޮޓޮކޯލްތަކެއް އެކުލަވައިލުމަށްފަހު ކަމަށް ޑރ. ބްރޫސް ވިދާޅުވިއެވެ.