ކޮވިޑާ ގުޅިގެން ކްރިޓިކަލް ކެއާގެ ފަރުވާ ދިނުމަށް ބޭނުންވާ އަސާސީ ތަމްރީނު 600 އަށްވުރެ ގިނަ މުވައްޒަފުންނަށް ދީފިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ ކޮވިޑާ ގުޅޭ އެކި ކަހަލަ ޓްރެއިނިންތައް މިހާތަނަށް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.
އެގޮތުން އެކި ސްޓޭޖުތަކަށް ބަހާލައިގެން ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސިއްހީ ހިދުމަތްތެރިންގެ ޖުމުލަ 600 އެއްހާ މީހުން ތަމްރީނު ކުރެވިފައިވާކަން ޑރ. މުހައްމަދު އަލީ ފާހަގަ ކުރެއްވިއެވެ.
ޓްރެއިނިންތަކާ ގުޅިގެން އިތުރު މައުލޫމާތު ދެއްވަމުން ޑރ. މޫސާ ހުސައިން ވިދާޅުވީ ކޮވިޑް 19 ގެ ކަންކަން ފެށިގެން އައިއިރު، ރާއްޖޭގައި ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް ތިން ކަމަކަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭކަން ފާހަގަވި ކަމަށެވެ. އެގޮތުން ކްރިޓިކަލް ކެއާގެ ހިއުމަން ރިސޯސް މަދުކަން ފާހަގަވި ކަމަށާއި އޮކްސިޖަން ކެޕޭސިޓީ މަދުކަންވެސް ފާހަގަވި ކަމަށެވެ. އަދި އިކުއިޕްމަންޓާއި ވެންޓިލޭޓަރުވެސް މަދުކަން ފާހަގަ ކުރެވުނު ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ.
ޑރ. މޫސާ ވިދާޅުވީ މިކަންކަން ފާގަކުރުމަށްފަހު، އަމާޒަކަށް ވީ ރާއްޖޭގެ ޑޮކްޓަރުން ކްރިޓިކަލް ކެއާގެ ހިދުމަތުގެ ކަންކަމަށް ޓްރެއިން ކުރުން ކަމަށެވެ. އެގޮތުން ކްރިޓިކަލް ކެއާގެ ޓްރެއިނިން ފެށީ ހުރިހާ ފަންތީގެ ޑޮކްޓަރުން ގެނެސްގެން، ކެޕޭސިޓީ ހުރިވަރުން ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ. އަދި ޓްރެއިނިން ފަށާފައިވަނީ އެކި މީހުންނާއި ވާހަކަދައްކައިގެން، މިކަމަށް ހާއްސަ ވަކި ޓީމެއް އެކުލަވާލައިގެން ކަމަށްވެސް ޑރ. މޫސާ ވިދާޅުވިއެވެ.
މީގެ އިތުރުން މި ޓްރެއިނިންތަކަށް އޭޑީކޭ އަދި އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ އެހީ ވަރަށް ބޮޑަށް ލިބުނު ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ. އަދި ބޭރުގެ ޑޮކްޓަރުންގެ އެހީ ހޯދުމުގައި ޓުއަރިޒަމް މިނިސްޓްރީން އެހީތެރިވެދިން ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ.
ޑރ. މޫސާ ވިދާޅުވީ ފުރަތަމަ ޓްރެއިނިންތައް ފެށީ ޑަބްލިއުއެޗްއޯގެ ޓްރެއިނިން މޮޑިއުލް ނަގައިގެން އެއާ އެއްގޮތަށް ކަމަށެވެ. އެއީ މާޗް މަހު ކަމަށް ޑރ. މޫސާ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ހޭންޑްސް އޮން ޓްރެއިނިންގް ކުރިއަށް ގެންދާ ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ. މި ޓްރެއިނިންގެ ތެރޭ ޕީޕީއީ ބޭނުންކުރާ ރަނގަޅު ގޮތް ކިޔައިދިނުމުގެ އިތުރުން، އިންކިއުބޭޓާ ބޭނުން ކުރާ ގޮތް އަދި ވެންޓިލޭޓަރު ގުޅާ ގޮތް ކިޔައިދީފައިވާނެ ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ.
މީގެ އިތުރުން ހަތް ދުވަހުގެ ކޮމްޕްރެހެންސިވް ކްރިޓިކަލް ކެއާ ޓްރެއިނިންގް ޕްރޮގްރާމެއް ކުރިއަށް ގެންދިޔަ ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ. މި ޓްރެއިނިން ކުރިޔަށް ގެންދިޔައީ އައިޖީއެމްއެޗްގެ ކޮވިޑަށް ފަރުވާދޭ ބަޔަށް ޑޮކްޓަރުނާއި ނަރުހުން ގެންގޮސްގެން ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަސް ސަރަހައްދަކުން ޑޮކްޓަރުން ގެނެސްގެން މި ޑޮކްޓަރުން ޓްރެއިން ކުރި ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ.
ހަމައެއާއެކު އޮންލައިންކޮށް، ވެބިނާއެއް ގޮތަށްވެސް ޓްރެއިނިންތަކެއް ކުރިޔަށް ގެންދިޔަކަމަށް ޑރ. މޫސާ ވިދާޅުވިއެވެ. މި ޓްރެއިނިންގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވީ ޑރ. މުހައްމަދު އަލީ ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ. އަދި މި ވެބިނާގައި ބޭރުން ރާއްޖެއަށް އައި ދެ ޑޮކްޓަރުން ބައިވެރިވިކަން ޑރ. މޫސާ ފާހަގަ ކުރެއްވިއެވެ.
ދެދުވަހުގެ ޓްރެއިނިންގައި 601 ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވިއިރު، ހަތް ދުވަހުގެ ކޮމްޕްރެހެންސިވް ކްރިޓިކަލް ކެއާ ޓްރެއިނިންގް ގައި ބައިވެރިވީ 11 މީހަކު ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ. އަދި އޮންލައިންކޮށް ކުރިއަށް ގެންދިޔަ ވެބިނާ ޓްރެއިނިންގައި 71 މީހަކު ބައިވެރިވި ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ.