މުހައްމަދު އައުޒަމް
ލަންކާގެ މައި އެއާޕޯޓް ކަމަށްވާ، ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕީސީއާރު ޓެސްޓު ހަދަން ފަށައިފިއެވެ.
ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮވިޑަށް ޓެސްޓު ކުރެވޭ ޕީސީއާރު ޓެސްޓު ހަދަން ފަށާފައިވަނީ އެގައުމަށް އެތެރެވާ މީހުންގެ ކިބައިން އާންމުންނަށް ބަލި ފޯރުވުން ހުއްޓުވުމުގެ މަގުސަދުގައެވެ.
ޕީސީއާރު ޓެސްޓު ހަދަން ފަށާފައިވަނީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އެގައުމުގެ ކޮވިޑް ޓާސްކު ފޯހާ އެކީ ކުރެއްވި މަޝްވަރާތަކަށްފަހުގައި ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ.
ލަންކާގެ ޓުއަރިޒަމް އެންޑް އޭވިއޭޝަން މިނިސްޓަރު ޕްރަސަންނަ ރަނަތުންގަ ވަނީ އެގައުމަށް އެތެރެވާ ހުރިހާ އެންމެން ޓެސްޓު ހެދުމަށްފަހު ކަރަންޓީނަށް ނުވަތަ ހޮސްޕިޓަލަށް ފޮނުވަން ޖެހޭ މީހުން ފޮނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ލަންކާގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުތައް ބަންދުކޮށްފައި އޮތް ނަމަވެސް އެހެން ގައުމުގަތުގައި ތާށިވެފައިވާ އެގައުމުގެ ރައްޔިތުން ގައުމަށް ގެންދިއުމުގެ މަސައްކަތް ބާރަށް ކުރިޔަށް ދެއެވެ.
ލަންކާގައި މިހާތަނަށް 1600 އަށް ވުރެން ގިނަމީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 11 މީހަކު މިހާތަނަށް މިބަލީގައި މަރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.