ޖީން އެކްސްޕާޓް ކާޓްރިޖުތައް ލިބުން އަންނަ މަހަށް ލަސްވެެފައިވާ ކަމަށާއި އެހެންކަމުން އެކަމަށް އެހެން ގޮތެއް ހޯދާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު އެހެން ވިދާޅުވެފައިވާ އިރު، ޖީން އެކްސްޕާޓް ކާޓްރިޖުތައް މިދިޔަ މަސް ނިމުމުގެ ކުރިން ލިބޭނެ ކަމަށް ވިދާޅުވެފައިވެއެވެ.
"މިދިޔަ މަސް ނިމުނު އިރު، އަޅުގަނޑުމެންނަށް ލިބިފައެއް ނުވޭ އެތަކެއްޗެއް. މިހާރު އަނެއްކާ އެ ލިބޭ ތާރީހު މިއޮތީ ބަދަލުވެފައި މިއަންނަ މަހަށް،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ޖީން އެކްސްޕާޓް ކާޓްރިޖުތައް ލިބުން ލަސްވުމާ ގުޅިގެން ޓެސްޓުކުރުމުގެ ކަންތައްތަކުގައި އިތުރު ގޮތެއް ރާވާނެ ކަމަށާއި ކާޓްޖުތައް ނުލިބިގެން އެގޮތަށް ތިބެވެން ނޯންނާނެ ކަމަށެވެ.