ރާއްޖޭގައި ޓެސްޓު ކުރެވޭ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 10 ޕަސެންޓް މީހުން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ޓެސްޓުކުރެވޭ ނިސްބަތުން އެންމެ ގިނަވެގެން ވެސް ޕޮޒިޓިވް ކޭސްތައް އުޅެނީ ދިހަ ޕަސަންޓުގައި ކަމަށެވެ.
"ޖުމުލަ ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ކިހާވަރެއްތޯ އަޅުގަނޑުމެންނަށް ޕޮޒިޓިވް ކޭސަސް މި ފެންނަނީ. އެގޮތުން ބަލާ އިރު އެންމެ ގިނަވެގެން ވެސް މި އުޅެނީ ދިހަ ޕަސަންޓް. އޭގެ މާނައަކީ ޓެސްޓުކުރެވޭ ޖުމުލަ ސާމްޕަލްތަކަށް ބަލާއިރު، ގާތްގަނޑަކަށް ދިހަ ޕަސަންޓޭ އޭގެ ތެރެއިން ޕޮޒިޓިވް ކަމަށް ދައްކަނީ،" އޭނާ ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ އެންމެ ފަހުން އެނަލިސިސް ހަދާފައިވާނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކަމަށާއި އެހާ ހިސާބަށް ބެލި ނަމަވެސް، ޕޮޒިޓިވްވާ މީހުންގެ އަދަދު އެއް ހަމައެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ.
އިއްޔެ 06:00 އިން މިއަދު 06:00 އަށް ފެނުނީ ކޮވިޑަށް ޕޮޒިޓިވް 12 މީހެކެވެ. އެހެންކަމުން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 1841 އަށް އަރައިފައެވެ. ރާއްޖޭގައި ކޮވިޑަށް ފަރުވާދެމުންދިޔަ 608 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ރާއްޖޭގައި ކޮވިޑް ޖެހިގެން މިއަދު ވެސް ވަނީ މީހަކު މަރުވެފައެވެ. އެއާއެކު އެބަލީގައި ރާއްޖޭގައި މަރުވި މީހުންގެ އަދަދު ވަނީ ހަތަކަށް އަރައިފައެވެ. މީގެ ކުރިން ކޮވިޑް ޖެހިގެން މަރުވެފައިވަނީ ދިވެހި ތިން މީހަކާއި ބަންގްލަދޭޝްގެ ތިން މީހެކެވެ.