ކޮވިޑު ޓެސްޓް އޭޑީކޭ ހޮސްޕިޓަލުން ހަދައިދޭނީ 675 ރުފިޔާއަށް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އޭޑީކޭ އިން ޓެސްޓަކަށް 675 ރުފިޔާ ނެގި ނަމަވެސް އެ ފައިސާ ދޭނީ އައިޖީއެމްއެޗް މެދުވެރިކޮށް ކަމަށެވެ.
އައިޖީއެމްއެޗުން ޓެސްޓު ހެދުމަށް އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށާއި އެ ހޮސްޕިޓަލަށް ފޯރުކޮށްދޭން ޖެހޭނީ ޓެސްޓު ހެދުމަށް ބޭނުންވާ ތަކެތި ކަމަށް މަބްރޫކު ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓުކުރެވޭ ޕީސީއާރު މެޝިނެއް އިންސްޓޯލުކުރުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. އެއީ ދުވާލެއްގެ މައްޗަށް ކޮވިޑުގެ 500 އަށްވުރެ ގިނަ ޓެސްޓު ހެދޭ މެޝިނެކެވެ.
އެ މެޝިނުން މިހާރު ކޮވިޑް ޓެސްޓު ކުރަމުން އަންނައިރު ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަނީ އެންއީއޯސީގެ އާރުއާރުޓީ ޓީމުންނެވެ.