ކުއްލި ޚަބަރު

ފްރޮންޓްލައިން މުވައްޒަފުންގެ އެލަވަންސް ދޭނީ މާޗު މަހުން ފެށިގެން، މިމަހު އެކަން ހަމަޖައްސާނެ: މަބްރޫކް

ފްރޮންޓްލައިން މުވައްޒަފުންގެ އެލަވަންސް ދޭނީ މާޗު މަހުން ފެށިގެން ކަމަށާއި މިމަހު އެކަން ހަމަޖައްސާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުން ތިން ގިންތިއަކަށް ބަހާލައިގެން ހާއްސަ އެލަވެންސެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއުލާންކުރެއްވީ މިދިޔަ މެއި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މާޗް މަހުން ފެށިގެން ލިބެންޖެހޭ އެލަވެންސް މިމަހުގެ ފަހުކޮޅު ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

"ފިނޭންސް މިނިސްޓްރީން ވިދާޅުވަނީ މިމަހުގެ މެދުތެރެއާ ހަމައަށް ދާންވާއިރަށް އެބޭފުޅުން މިކަމާގުޅޭ ހުރިހާ މައުލޫމާތެއް އެއްކުރައްވާނެ ކަމަށް. އަދި މިމަސް ނިމުމުގެ ކުރިން އެތަކެތި ޕްރޮސެސް ކުރުމަށްފަހު މާޗުން ފެށިގެން ލިބެންޖެހޭ އެލަވެންސްތަކުގެ ލާރި ދޫކުރުން މިމަސް ނިމޭ ހިސާބުގައި އެބޭފުޅުން ކުރައްވާނެ ކަމަށް،" މަބްރޫކު ވިދާޅުވިއެވެ.

އެލަވެންސް ދިނުމަށް ކަނޑައަޅާފައިވާ ފުރަތަމަ ގިންތީގައި ހިމެނެނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނެވެ. އެއީ ކޮވިޑް 19 އަށް ޕޮޒިޓިވްވާ ފަރާތްތަކަށް ނުވަތަ ބަލި ހުރެދާނެ ކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާ ގާތުން ދިމާވެދާނެ މީހުންނެވެ. އޭގެ ތެރޭގައި މި ހިމެނެނީ މެޑިކަލް ޑޮކްޓަރުންނާއި ނަރުހުންނާއި ޓެސްޓު ސާމްޕަލް ނަގާ މީހުންނާއި ލެބް ޓެކްނީޝަނުންނާއި ކޮވިޑަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުން އަދި ޕޮޒިޓިވްވާ މީހުން ތިބޭ ކޮޓަރި/ ވޯޑަށް ވަންނަންޖެހޭ މީހުންނެވެ.

އެމީހުންނަށް އެލަވެންސެއްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ.

ދެވަނަ ގިންގީގައި ހިމެނެނީ ފްރަންޓްލައިންގައި މަސައްކަތްކުރާ މީޑިއަމް ރިސްކު މީހުންނެވެ. އެއީ ޕޮޒިޓިވްވާ މީހުންނަށް ސީދާ ގޮތުން ހިދުމަތް ދޭން ނުޖެހޭ ނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުންނެވެ. އެމީހުންނަށް އެލަވެންސެއްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު 250 ރުފިޔާ ލިބޭނެއެވެ.

ތިން ވަނަ ގިންތީގައި ހިމެނެނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ލޯ ރިސްކު މީހުންނެވެ. އެއީ އެއްވަނަ އަދި ދެވަނަ ގިންތިއަށް ނުފެތޭ ނަމަވެސް ކޮވިޑް 19ގެ ކަންތައް ވިލަރެސް ކުރަމުން ގެންދާ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ މީހުންނެވެ.

މި މީހުންނަށް އެލަވެންސެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު 200 ރުފިޔާއެވެ.

މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި ކޮވިޑް 19ގެ ކަންކަމުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ވެސް ސިޔާސީ މަސައްކަތްކުރާ މީހުންނާއި ހައި ރިސްކު ކެޓަރީގައި ހިމެނޭ ފަރާތްތައް ފިޔަވައި ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރައަށްވުރެ މަތިން މުސާރަ އާއި އެލަވެންސް ލިބޭ މީހުން އަދި އެމީހަކު ވަޒީފާ އަދާކުރާ ކުންފުންޏަކުން ކޮވިޑް 19އާ ގުޅިގެން އިތުރު އެލަވެންސެއް ދޭ މީހުންނަށް ފަރަންޓްލައިން އެލަވަންސެއް ނުލިބޭނެއެވެ.