ކުއްލި ޚަބަރު

އިއްޔެ 06:00 އިން މިއަދު 06:00 އަށް ފެނުނީ ކޮވިޑަށް ޕޮޒިޓިވް 12 މީހުން

އިއްޔެ 06:00 އިން މިއަދު 06:00 އަށް ފެނުނީ ކޮވިޑަށް ޕޮޒިޓިވް 12 މީހުން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އެ 12 މީހުންގެ ތެރޭގައި ހިމެނެނީ 11 ދިވެހިންނާއި އިންޑިއާ މީހެއް ކަމަށެވެ. އަދި ޕޮޒިޓިވްވި ދިވެހިންގެ ތެރެއިން ހަތަރު މީހަކީ މީގެ ކުރިން ފާހަގަކުރެވިފައިވާ ކުލަސްޓާއަކާ ގުޅުމެއް ނެތް މީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދު ޕޮޒިޓިވްވި 12 ކޭސްއާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1841 އަށް އަރައިފައެވެ.

ރާއްޖޭގައި އިތުރު 12 މީހަކު ޕޮޒިޓިވްވިއިރު އެބަލި ޖެހުނު މީހުންގެ ތެރެއިން 120 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވި މީހުންގެ އަދަދު ވަނީ 608 އިތުރުވެފައެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ހާމަކުރެއްވި މައުލޫމާތަށް ބަލާއިރު މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި 1391 މީހަކު އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 1277 މީހަކު އެބަ ތިއްބެވެ. އަދި މިވަގުތު ރާއްޖޭގައި ފަރުވާ ދެމުން އަންނަނީ 1224 މީހަކަށެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން މިއަދު ވެސް ވަނީ މީހަކު މަރުވެފައެވެ. އެއާއެކު އެބަލީގައި ރާއްޖޭގައި މަރުވި މީހުންގެ އަދަދު ވަނީ ހަތަކަށް އަރައިފައެވެ. މީގެ ކުރިން ކޮވިޑް ޖެހިގެން މަރުވެފައިވަނީ ދިވެހި ތިން މީހަކާއި ބަންގްލަދޭޝްގެ ތިން މީހެކެވެ.