ލަންކާގެ އާންމު ދަތުރުފަތުރުތައް އަންނަ ހަފްތާގައި ފަށަން ނިންމައިފިއެވެ.
ލަންކާގެ މިނިސްޓްރީ އޮފް ޕަސެންޖާ ޓްރާންޕޯޓް މެނޭޖްމަންޓުން ވަނީ އެގައުމުގެ ހުރިހާ ސަރަހައްދެއްގައި އާންމު ދަތުރުފަތުރުތައް އަންނަ ހަފްތާގެ ހޯމަދުވަހު ފެށުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ލަންކާގެ ކޮވިޑްގެ ހާލަތަށް އަންނަ ބަދަލުގެ ސަބަބުންނާއި އާންމުންގެ އުޅުމަށް އަންނަ ބަދަލެއްގެ ސަބަބުން ދަތުރުފަތުރުކުރުން ލަސްކުރަން ޖެހިދާނެ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ނެރެފައިވާ ބަޔާނުގައިވާ ގޮތުން ގިނަ މަޝްވަރާތަކަކަށްފަހު އާންމު ދަތުރުފަތުރުގެ ތެރޭގައި ހިމެނޭ ބަސްތަކާއި ރޭލުތަކުގެ ދަތުރުތައް ހެލްތު މިނިސްޓްރީން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތީން ފެށުމަށް ވަނީ ނިންމައިފައެވެ.
ލަންކާގެ ކަމާބެހޭ ފަރާތްތަކުން ބޭއްވި މަޝްވަރާތަކުގައި ވަނީ މިދަނޑިވަޅުގައި އާންމު ދަތުރުފަތުރު ފަށައިފިނަމަ ބޮޑެތި އިތުރު މައްސަލަތަކެއްވެސް ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުކަމަށް ބުނެފައެވެ. މިބައްދަލުވުމުގައި މިނިސްޓަރު ވަނީ ލަންކާގެ އާންމު ދަތުރުފަތުރުގައި 5300 ބަހުގެ އިތުރުން އާންމުންގެ 23000 ބަސް އެގައުމުގައި އޮޕަރޭޓް ކުރުމަށް އެބަހުރި ކަމަށް ވިދާޅުވެފައެވެ.
އެންމެ ބޮޑު ކަންބޮޑުވުމަކީ ލަންކާގެ ހެލްތު މިނިސްޓްރީގެ ގައިޑް ލައިނާ އެއްގޮތަށް ދަތުރުފަތުރު ނުކުރެވިދާނެތީ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.