ޖޯޖް ފްލޯއިޑް މަރުވީ ނޭވާ ނުލެވިގެން ކަމަށް އޮޓޯޕްސީ ރިޕޯޓުން ދައްކައިފިއެވެ.
އެމެރިކާގެ މިނެޕޮލިސް ގައި ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑް އަނިޔާވެރިކޮށް ހައްޔަރު ކުރުމުގެ ތެރޭގައި މަރުވުމުން އެމައްސަލަ ހޫނުވެފައިވާއިރު ޖޯޖް ފްލޮއިޑް މަރުވި ގޮތުގެ ތަހުގީގަށް މިނިވަން ކޮމިޝަނަކުން މިވަނީ އޮޓޯޕްސީއެއް ހަދައިފައެވެ.
ޖޯޖް ފްލޮއިޑްގެ އާއިލާއިން އިސްނަގައިގެން މިނިވަން ކޮމިޝަނަކުން ހެދި އޮޓޯޕްސީން ދައްކާގޮތުން އޭނާ މަރުވެފައިވަނީ މެކޭނިކަލް އެފީސިއޭޝަން އެއްގެ ސަބަބުން ކަމަށެވެ.
މެކޭނިކަލް އެފީސިއޭޝަން އަކީ މީހާގެ ހަށިގަނޑަށް ދިމާވާ ގޮތަކުން އޮކްސިޖަން ބްލޮކް ވުން ނުވަތަ އޮކްސިޖަން ދައުރުވުން ހުއްޓި ނޭވާލުމަށް އަސަރުކުރުމުގެ ސަބަބުން މަރުވުމަށް ދިމާވުމެވެ.
ޖޯޖް ފްލޮއިޑްގެ އާއިލާއިން އިސްނަގައިގެން މިނިވަން ކޮމިޝަނަކުން ހެދި މި އޮޓޯޕްސީއާއި އެމެރިކާގެ ސަރުކާރުން ހެދި އޮޓޯޕްސީ ރިޕޯޓުގެ ނަތީކާއާ ތަފާތެވެ. ސަރުކާރުން ހަދާފައިވާ އޮޓޯޕްސީ ގައި ޖޯޖް ފްލޮއިޑްގެ ހަށިގަނޑުގައި ގިނަ މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަ ކޮށްފައެވެ. އަދި މަރުވެފައިވަނީ ނޭވާ ހާސްވެގެންކަން ފާހަގަވެފައި ނުވާ ކަމަށް ބުނެފައި ވެއެވެ.
ޖޯޖް ފްލޮއިޑް ހައްޔަރު ކުރުމަށްފަހު ބިންމައްޗަށް ވައްޓާލައި ފުލުހުން ވަނީ އޭނާގެ ކަރުގައި ކަކޫ ވިއްދައިގެން އެތައް އިރެއް ވަންދެން ތިބެފަ އެވެ. އަދި އެވަގުތު ޖޯޖް ފްލޮއިޑް ރުއިމުގެ އަޑާއެކު ނޭވާ ނުލެވޭކަމަށް އިޝާރާތްކޮށް ހަރަކާތްކުރާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް އަންނަނީ ދައުރުވަމުންނެވެ.