ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަޅުއްވަންވީ ގޭސް މާސްކް ކަމަށް މީރާ ލައިލާ ނަޝީދު ވިދާޅުވެއްޖެއެވެ.
މީރާ މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ މަޖިލިސް ޖަލްސާގައި ރައީސް ނަޝީދު މާސްކު އަޅުއްވާފައިވާ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
މިރާގެ ޓުވީޓުގައި ވިދާޅުވީ ބައްޕާފުޅަށް ގޭސް މާސްކެއް ހޯދުމަށް އޯޑަރުކުރައްވާނެ ކަމަށާއި މިހާރު އަޅާ މާސްކަކީ އެންމެ އެކަށޭނެ މާސްކު ނޫން ކަމަށެވެ.
މީރާ އެހެން ވިދާޅުވެފައިވާ އިރު، މިރޭގެ ޖަލްސާގައި ރައީސް ނަޝީދު މާސްކު އަޅުއްވާފައިވަނީ އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާ ނުވާ ގޮތަށެވެ. ރައީސް ނަޝީދު ރަނގަޅަށް ނިވާ ކުރުމަށް މާސްކުގެ މަތީގައި ޓޭޕް ކޮޅެއް އަޅާފައިވީ ނަމަވެސް، ކަންފަތުގައި އަޅުވާ ވާ ފަށް ކަންފަތުގައި އަޅުއްވައިފައެއް ނުވެއެވެ.
މިރޭގެ ޖަލްސާގައި އާ ކައުންސިލަރުން އިންތިހާބު ކުރެވިފައިނުވާތީ، އާ އިންތިހާބެއް ބާއްވައި ކައުންސިލަރުން މަގާމާ ހަވާލުވަންދެން މިހާރު ތިބި ކައުންސިލަރުން މަގާމުތަކުގައި ތިބޭގޮތަށް، ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އޭގެ އިތުރުން ހަފުތާއެއް ތެރޭ އެލްޖީއޭ ބޯޑް އެކުލަވާލަން ހިމަނައި ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ބިލު ވެސް ވަނީ ފާސްކޮށްފައެވެ.
ވޯޓާ ހަމައަށް ދިއުމުގެ ކުރިން މަޖިލީހުގެ ތެރޭގައި ވަނީ ހަމަނުޖެހުމެއް ވެސް ހިނގައިފައެވެ. އެ ހަމަނުޖެހުން ހިނގާފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވުމުން ރައީސް ނަޝީދު ތިން ފަހަރު ޝިޔާމްގެ ނަން އިއްވުމުން ވެސް އޭނާ ތަޅުން ތަޅުން ދޫކުރައްވައި ވަޑައިނުގެންވުމުންނެވެ. އެކަމާ ގުޅިގެން ބައެއް މެންބަރުން ޝިޔާމް ބޭރުކުރަން މަސައްކަތްކޮށްފައިވާ އިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިން ހުއްދައާ އެ މެންބަރުން ވަނީ ހިލާފުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ކުރިއަށްގެންދިއުމަށް އެޗްޕީއޭ އިން ހުއްދަ ދިނީ އެއް މެންބަރަކު އަނެއް މެންބަރަކާ ދެމެދު ތިން ފޫޓުގެ ދުރުމިނެއް ބަހައްޓައިގެން ޖަލްސާ ކުރިއަށް ގެންދިއުމަށެވެ. އަދި އެކަމަށް ހާއްސަ ގަވައިދެއްވެސް އެޗްޕީއޭއިން ވަނީ އެކުލަވާލައި މަޖިިލީހާ ހިއްސާކޮށްފައެވެ.
އެ ހަމަނުޖެހުމާ ގުޅިގެން ބައެއް މެންބަރުންނަށް ވަނީ އަނިޔާވެފައެވެ. ޝިޔާމުގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ އާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނަށް ވަނީ އަނިޔާވެފައެވެ. ގަޔަށް އަތްލައި މާރާމާރީ ހިންގި މައްސަލަ އިދިކޮޅު މެންބަރުން ވަނީ ފުލުސް އޮފީހަށް މައްސަލަ ހުށަހަޅައިފައެވެ. އަދި އެއަށްފަހު ޝިޔާމު ވަނީ ފަރުވާ ހޯއްދެވުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފައެވެ.