އިބްރާހިމް ޒަކީ
ހަތް ދުވަހުގެ ތެރޭގައި އެލްޖީއޭގެ ބޯޑް އަލުން އެކުލަވާލަން ހިމަނައި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020" ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020" އަކީ، އޭޕްރީލްމަހު ބާއްވަން ގާނޫނުގައި ބުނެފައިވާ ލޯކަލް ކައުންސލް އިންތިހާބު ކޮވިޑް 19އާ ގުޅިގެން ނުބޭއްވުމުގެ ސަބަބުން، އަންނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ވޯޓުލުން ފަސްކޮށްފައިވުމާއެކު، މާދަމާގެ ނިޔަލަށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާތީ، ދެން ބާއްވާ އިންތިހާބަކުން ހޮވޭ ކައުންސިލަރުން މަގާމާ ހަވާލުވަންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމިތިބޭގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފައިވާ އިރު، އެމީހުން މަގާމުގައި ދެމިތިބޭ އިންތިގާލީ މުއްދަތުގައި ކައުންސިލްތަކުން އަމަލުކުރަންޖެހޭ ގޮތް ކަނޑައަޅާފައިވާ ބިލެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާގައި އެބިލަށް އިސްލާހެއްގެ ގޮތުގައި، ލޯކަލް ގަވާމަންޓް އޮތީރިޓީ (އެލްޖީއޭ)ގެ ބޯޑު އަލުން އެކުލަވައިލުމަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިންއެވެ.
މި އިސްލާހުގައި ބުނެފައިވަނީ މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ހަތް މެންބަރުންގެ މައްޗަށް އެކުލަވޭ ގޮތަށް އެލްޖީއޭގެ ބޯޑު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށެވެ.
އެގޮތުން އެކުލަވާލާ މެންބަރުންނަކީ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުންދިއުމުގެ ސަބަބުން، ދައުލަތުން މުސާރަ ލިބޭ މީހެއް ކަމުގައިވާނަަމަ އެ މެންބަރަށް، އެ ވަޒީފާއަކުން ލިބޭ އުޖޫރައިގެ އިތުރަށް އިތުރު އުޖޫރައެއް ލިބިގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ. މި މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެލްޖީއޭގެ ބޯޑު އެކުލަވައިލުމާއެކު، މިހާރު ހިިނގަމުންދާ ބޯޑު އުވޭނެ ކަމަށްވެސް ބުނެފައިވެއެވެ. މި ބޯޑުގެ މަސްއޫލިއްޔަތާއި ޒިންމާތަކަކީ މި ގާނޫނާއި ލާމަރުކަޒީ ގާނޫނުުގައި ބަޔާންކޮށްފައިވާ ކަންތައްތައް ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
މި އިސްލާހުތަކާއެކު މި ބިލު މަޖިލީހުން ފާށްކޮށްފައިވަނީ، ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން 73 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ބިލުގައިވާ ގޮތުން ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިމެއް ނުވަތަ އިމާރާތެއް، ރައުސްމާލެއް، ވިއްކުމާއި ކައުންސިލް ޒިންމާވާ ގޮތަށް ދަރަންޏެއް ނެގުމާއި ދަރަންޏެއް ދޫކުރުމާއި، ކައުންސިލް އޮނިގަނޑަށް ބަދަލު ގެނައުމާއި ވަޒީފާ ދިނުމުގެ ކަންތައް ހަމަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ކުރިޔަށް ގެންދާނަމަ އެލްޖީއޭގެ ހުއްދަ ހޯދަން ޖެހޭނެއެވެ.
މީގެ އިތުރުން ކައުންސިލްތަކުގެ ވަގުތީ މުއްދަތުގައި ކައުންސިލްތަކުގެ އާމްދަނީ އާއި ހަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކުގެ ހިސާބު ނިންމައި، ފަސްކޮށްފައިވާ އިންތިހާބު ބޭއްވުމަށް އިއުލާން ކުރާ ތާރީހުގެ ދެހަފުތާ ކުރިން އޮޑިޓާ ޖެނެރަލްގެ އޮފީހާއި އެލްޖީއޭއަށް ހުށަހަޅަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ކައުންސިލެއްގެ ގާނޫނީ އަދަދު ހަމަނުވާ ހާލަތުގައި އެ ކައުންސިލަރުން ކަންތައް ކުރަންވާނެ އުސޫލެއް އެލްޖީއޭ އިން އެކުލަވައިލަންވާނެ ކަމަށްވެސް މި ބިލުގައި ހިމަނާފައިވެއެވެ.
ކައުންސިލަރަކު ގާނޫނާ ހިލާފުވެއްޖެނަމަ ނަސޭހަތްދިނުމަށްފަހު އިންޒާރުދީ، އެލްޖީއޭ އިން ކަނޑައަޅާ ވަކި މުއްދަތަކަށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރުމުގެ ބާރުވެސް މި ބިލުން އެލްޖީއޭއަށް ވަނީ ދީފައެވެ.