ކުއްލި ޚަބަރު

އެލްޖީއޭގެ ބޯޑު ބަދަލުކުރަން އިސްލާހު ހުށަހަޅައިފި

އިބްރާހިމް ޒަކީ

ލޯކަލް ގަވާމަންޓް އޮތީރިޓީ (އެލްޖީއޭ)ގެ ބޯޑް ބަދަލުކޮށް އާ ބޯޑެއް އެކުލަވައިލުމަށް އިސްލާހު ހުށަހަޅައިފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020ގައި ހިމަނަން އެ އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިންއެވެ.

މެންބަރު ހިސާންގެ ހުށަހެޅުއްވުމުގައި ވަނީ މި ގާނޫނަށް އަމަލުކުރަން ފަށާތާ ހަތް ދުވަހުގެ ތެރޭގައި އެލްޖީއޭގެ އާ ބޯޑް އެކުލަވާލަންޖެހޭނެ ކަމަށެވެ.

އެލްޖީއޭގެ ބޯޑު ހިމެނެނީ ފަސް މެމްބަރުންގެ މައްޗަށެވެ. ބޯޑުގެ ރައީސްގެ މަގާމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހުންނަވާ އިރު، ނައިބު ރައީސްގެ މަގާމުގައި ހުންނެވީ ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ މިންނާ ރަޝީދެވެ. އަދި ބޯޑުގެ މެމްބަރުގެ ގޮތުގައި ތިއްބަވާ ތިން މެންބަރުންނަކީ، މުހައްމަދު ޝަފީގު މަހުމޫދާއި އާމިރު އަލީ އާއި އަހުމަދު ހަސަނެވެ.