އަލީ ޔާމިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިން ހުއްދައާ މަޖިލީހުގެ ބައެއް މެންބަރުން ހިލާފުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ކުރިއަށްގެންދިއުމަށް އެޗްޕީއޭ އިން ހުއްދަ ދިނީ އެއް މެންބަރަކު އަނެއް މެންބަރަކާ ދެމެދު ތިން ފޫޓުގެ ދުރުމިނެއް ބަހައްޓައިގެން ޖަލްސާ ކުރިއަށް ގެންދިއުމަށެވެ. އަދި އެކަމަށް ހާއްސަ ގަވައިދެއްވެސް އެޗްޕީއޭއިން ވަނީ އެކުލަވާލައި މަޖިިލީހާ ހިއްސާކޮށްފައެވެ.
ނަމަވެސް ގާނޫނުއަސާސީ އިސްލާހު ކުރަން މިރޭ ބޭއްވި ޖަލްސާގެ މަޝްރަހު ހޫނުވެ މަޖިލީހުގެ މެންބަރުން ވަނީ ބޮނޑިވެ، ހަމަނުޖެހުން ހިންގައިފައެވެ. އެ ހަމަނުޖެހުންތަކުގެ ސަބަބުން ބައެއް މެންބަރުންނަށް އަނިޔާވެސް ވެފައިވެއެވެ.
މިރޭ ބޭއްވި ޖަލްސާ ހޫނުވެގެން ގޮސްފައިވަނީ ޖަލްސާ ފެށުނު ފަހުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަޑުގަދަކުރައްވާތީ އޭނާގެ ނަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތިން ފަހަރު އިއްވެވުމުންވެސް މަޖިލީހުގެ ތަޅުން ދޫކުރައްވައި ވަޑައިގެންފައި ނުވުމުންނެވެ. ޝިޔާމް މަޖިލީހުގެ ތަޅުމުން ނުނިކުތުމުން މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ވަނީ އޭނާ ތަޅުމުން ނެރިފައެވެ. ޝިޔާމް ތަޅުމުން ނެރުމުގެ ތެރޭގައި ވަނީ ބައެއް މެންބަރުން އެއް މެންބަރަކު އަނެއް މެންބަރެއްގެ ގަޔަށް އަތްލައި ހަމަނުޖެހުން ހިންގައި އަދުގަދަކޮށްފައެވެ. އެވަގުތު މެންބަރުން ތިބީ ބޮނޑިވެގެންކަމުން އިޖުތިމާއީ އެއްވެސް ގައިދުރުކަމެއް މެންބަރުންގެ މެދުގައެއް ނެތެވެ.
ބައެއް މެންބަރުންގެ ފޭސް މާސްކު ވެސް ހަމަނުޖެހުންތަކުގެ ސަބަބުން ނެއްޓިފައިވާ ތަން ވީޑިއޯތަކުން ފެނެއެވެ.
އެހެންކަމުން ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެ މަޖިލީހުގެ ބައެއް މެންބަރުން މިއަދު އެ ދެއްކެވީ ވަރަށް ގޯސް ނަމޫނާއެކެވެ.