އަލީ ޔާމިން
ރައްޔިތުންގެ މަޖިލީހުގައި ގަޔަށް އަތްލައި މާރާމާރީ ހިންގި މައްސަލައިގައި އިދިކޮޅު މެންބަރުން ފުލުސް އޮފީހަށް ގޮސްފިއެވެ.
ގާނޫނުނު އަސާސީ އިސްލާހުކުރަން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މިރޭ ބާއްވާ ޖަލްސާ ފެށުމާއެކު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވައިފައެވެ. ތިން ފަހަރު ނަން އިއްވުމުންވެސް ޝިޔާމް މަޖިލީހުގެ ތަޅުން ދޫކޮށް ވަޑައިނުގެންނެވުމުން މަޖިލީހުގެ އެމްޑީޕީ މެންބަރުން ވަނީ އޭނާ ތަޅުމުން ބޭރުކޮށްފައެވެ.
ޝިޔާމް މަޖިލީހުން ބޭރުކުރި ވަގުތު މަޖިލީހުގެ މަޝްރަހު ގޯސްވެ މެންބަރުން ބޮޑިވެ ވަނީ އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ގަޔަށް އަތްލައި ހޫނު ޒުވާބަކަށް ގޮސްފައެވެ. މަޖިލީހުގެ ތަޅުމުން ޝިޔާމް ބޭރުކުރި އިރު އޭނާއަށް އެކިވަރުގެ އަނިޔާތައް ވެފައިވެއެވެ. އަދި އޭނާގެ ގަމީސްވެސް ވީދައިގެން ގޮސްފައިވެއެވެ.
ޝިޔާމްގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ އާއި ތުޅާދޫ ދާއިރާގެ މެންބަރު ހިޝާން ހަސަންއަށްވެސް ވަނީ ކޮންމެވެސް ވަރަކަށް އަނިޔާވެފައެވެ.
މިރޭގެ މަޖިލީހުގައި މާރާމާރީ ހިންގި މައްސަލަ މެންބަރު ޝިޔާމް ވަނީ ފުލުސް އޮފީހަށް ހުށަހަޅައިފައެވެ. ޝިޔާމް އާއެކު އިދިކޮޅު މެންބަރުން މިހާރު އަންނަނީ ފުލުސް އޮފީހުގައި ހަރަކާތްތެރިވަމުންނެވެ.