މޯލްޑިވްސް މީޑިއާ ކައުންސިލަށް މެމްބަރުން އިންތިހާބުކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހު މީޑިއާ ކައުންސިލްގެ 14 މެމްބަރެއްގެ ދައުރު ހަމަވެގެން އާ މެމްބަރުން އިންތިހާބުކުރުމަށް މިއަދު ބޭއްވި މީޑިއާ ކައުންސިލްގެ އިންތިހާބުގައި މީޑިއާގެ ހަތް މެމްބަރުންނާއި އާންމުންގެ ތެރެއިން ހަތް މެމްބަރުން ވަނީ ހޮވައިފައެވެ.
މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ 109 މީޑިއާގެ ތެރެއިން 96 މީޑިއާއަކުން ވޯޓުގައި ވަނީ ބައިވެރިވެފައެވެ.
މީޑިއާގެ ތެރެއިން ހޮވުނު ހަތް މެމްބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯދާފައިވަނީ 89 ވޯޓު ހޯދި ސަން މީޑިއާ ގްރޫޕުގެ އަހްމަދު އާޒިފެވެ. އޭގެ އިތުރުން ދެން ހޮވިފައިވަނީ 86 ވޯޓު ހޯދި ވީމީޑިއާގެ ޝިފްޒާ މުސްތަފާއާއި، 86 ވޯޓު ހޯދި ޕީއެސްއެމްގެ އަހްމަދު ޖަދުވާނާއި، 82 ވޯޓު ހޯދި އަޒްމީ އަލީއާއި، 80 ވޯޓު ހޯދި ހަފްތާ އޮންލައިންގެ ހިދާޔަތުﷲއާއި، 73 ވޯޓު ހޯދި ދި އިސްލާމްގެ އަލީ އަހުސަން އަދި 70 ވޯޓު ހޯދި ފެންވަރު އޮންލައިންގެ އަލީ ރިފްޝާނެވެ.
އިންތިހާބުގައި ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވަނީ 31 ވޯޓު ހޯދި މިހާރު ނޫހުގެ ހަސަން އާމިރާއި، 20 ވޯޓު ހޯދި އަސްދަނޑި މަޖައްލާގެ އަބްދުﷲ ޝާކިރާއި، 13 ވޯޓު ހޯދި ތިނަދޫ އޮންލައިންގެ މުހައްމަދު ވަހީދު އަލީއާއި، ހަތް ވޯޓު ހޯދި މެންދަން އޮންލައިންގެ އަހްމަދު ޖައިޝަން އަދި ތިން ވޯޓު ހޯދި ހިތާދޫ އޮންލައިންގެ މޫސާ ޒިޔާދެވެ.
އާންމުންގެ ތެރެއިން ހޮވިފައިވަނީ 79 ވޯޓު ހޯދި އަބްދުއްލަތީފް އަހްމަދާއި، 64 ވޯޓު ހޯދި ރިފާއަތު ރަޝީދާއި، 67 ވޯޓު ހޯދި އާތިފް އަބްދުލް ހަކީމާއި، 73 ވޯޓު ހޯދި ހިސާން ހަސަނާއި، 60 ވޯޓު ހޯދި ޝީރީން ނާހިދާ ލަތީފާއި، 72 ވޯޓު ހޯދި އަހްމަދު އަމީން މުހައްމަދު އަދި 70 ވޯޓު ހޯދި ފާތިމަތު ސައުޒަން ހުސައިނެވެ.
މީޑިއާ ކައުންސިލްގައި ޖުމްލަ 15 މެމްބަރުން ހިމެނޭ އިރު، އޭގެ ތެރެއިން ރާއްޖެ ޓީވީގެ އަލީ ޔޫސުފްގެ ދައުރު ހަމައެއް ނުވެއެވެ. އޭނާގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅެވެ. މީޑިއާ ކައުންސިލަށް އިންތިހާބުވާ މެމްބަރުންނަށް ދެ އަހަރުގެ ދައުރެއް ލިބޭނެއެވެ.