ކުއްލި ޚަބަރު

އެންމެ ފަހުން މަޖިލީހުގައި ގައިދުރުކަން ގެއްލި މެންބަރުން ބޮނޑިވެ، ހަމަނުޖެހުން ހިންގައިފި

އަލީ ޔާމިން

އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގައި ގައިދުރުކަން ގެއްލި މެންބަރުން ބޮނޑިވެ، ހަމަނުޖެހުން ހިންގައިފިއެވެ.

ގާނޫނު އަސާސީ އިސްލާހުކުރަން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މިރޭ ބާއްވާ ޖަލްސާ ފެށުމާއެކު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވައިފައެވެ. ތިން ފަހަރު ނަން އިއްވުމުންވެސް ޝިޔާމް މަޖިލީހުގެ ތަޅުން ދޫކޮށް ވަޑައިނުގެންނެވުމުން މަޖިލީހުގެ އެމްޑީޕީ މެންބަރުން ވަނީ އޭނާ ތަޅުމުން ބޭރުކޮށްފައެވެ.

ޝިޔާމް މަޖިލީހުން ބޭރުކުރި ވަގުތު މަޖިލީހުގެ މަޝްރަހު ގޯސްވެ މެންބަރުން ބޮނޑިވެ ވަނީ އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ގަޔަށް އަތްލައި ހޫނު ޒުވާބަކަށް ގޮސްފައެވެ. މަޖިލީހުގެ ތަޅުމުން ޝިޔާމް ބޭރުކުރި އިރު އޭނާއަށް އެކިވަރުގެ އަނިޔާތައް ވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހުއްދަ ދިނީ އިޖުތިމާއީ ގައިދުރުކަން ކަމަށްވާ ތިން ފޫޓުގެ ދުރުމިން މެންބަރުންގެ ބަހައްޓައިގެން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް މަޖިލިސް ހޫނުވި ގަޑީގައި ގައިދުރުކަން ވަނީ ގެއްލިފައެވެ.

މިރޭ މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކުގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ އާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހަސަނަށް ވެސް ވަނީ ކޮންމެވެސް ވަރަކަށް އަނިޔާވެފައެވެ.