ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ ނަން އިއްވައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ނެރެފިއެވެ.
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޝިޔާމްގެ ނަން އިއްވެވީ އެމަނިކުފާނު ވާހަކަފުޅުދައްކަވަމުން ގެންދަވަނިކޮށް އަޑުގަދަ ކުރަން ފެށުމުންނެވެ. އެގޮތުން ޝިޔާމް ވިދާޅުވަމުން ގެންދެވީ މިރޭ ބާއްވަމުންދާ ޖަލްސާއަކީ ގާނޫނުއަސާސީއާ ހިލާފަށް ބާއްވަމުންދާ ޖަލްސާއެއް ކަމަށެވެ.
އެގޮތުން ރައީސް ނަޝީދު ތިން ފަހަރަށް ޝިޔާމްގެ ނަން އިއްވުމުން ވެސް އޭނާ ތަޅުމުން ބޭރަށް ވަޑައިނުގަތުމުން، ޝިޔާމް ތަޅުމުން ނެރުމަށް ސާޖަންޓް އޮފް އާމްސްއަށް މަޖިލީހުގެ ރައީސް އެންގެވިއެވެ. އަދި ފަހުން ޝިޔާމާއި އެމްޑީޕީގެ ބައެއް މެންބަރުންނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރުމަށްފަހު، މަޖިލީހުގެ މެންބަރުން އޭނާ ތަޅުމުން ބޭރުކުރަން އުޅުނެވެ.
އެވަގުތު މައްސަލަ ހޫނުވެ އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ގަޔަށް އަތްލައި މެންބަރުންގެ މެދުގައި ހަމަނުޖެހުމެއް ވެސް ހިނގިއެވެ. އެ ހަމަނުޖެހުންތަކުގައި ޝިޔާމްގެ ގަމީސް ވެސް ވީދައިގެން ގޮސް ބައެއް އެހެން މެންބަރުންނަށް ވެސް އަނިޔާވިއެވެ.
މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިންގިއިރު، މަޖިލީހުގެ ޖަލްސާ ބާއްވަން އެޗްޕީއޭއިން ހުއްދަ ދިނީ ތިން ފޫޓޫ ދުރުގައި މެމްބަރުން ތިބެގެން ޖަލްސާ ކުރިއަށް ގެންދިއުމަށެވެ.