ކުއްލި ޚަބަރު

މިނިސްޓަރު ޒަހާ މަގާމުގެ ޒިންމާ އަދާނުކުރާކަމަށް ބުނެ މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓް އަނބުރާ ކޮމިޓީއަށް

އިބްރާހިމް ޒަކީ

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މަގާމުގެ ޒިންމާ އަދާނުކުރާކަމަށް ބުނެ ރައްޔިތުންގެ މަޖިލިސް ތަޅުމަށް މަޖިލީހުގެ ގަވައިދު ކޮމިޓީން ފޮނުވި ރިޕޯޓު އަލުން އަނބުރާ ކޮމިޓީއަށް ފޮނުވަން މަޖިލީހުން ފާސްކޮށްފިއެވެ.

ގަވައިދު ކޮމިޓީން އެގޮތަށް ނިންމާފައިވަނީ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހެދުމަށް ލާޒިމް ކޮށްފައިވާ ގިނަ ގަވާއިދުތަކެއް ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި ނިންމާފައިވާ ނުވާ މައްސަލަ ބެލުމަށްފަހުއެވެ. އަދި އެކަމަށް މަޖިލީހުގެ ތަޅުމުގައި ވަނީ ބަހުސް ވެސް ކޮށްފައެވެ.

ނަމަވެސް އެ މައްސަލައަށް ޖަވާބުދާރީވެވަޑައިގެން މިނިސްޓަރު ޒަހާ ވަނީ މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވައިފައެވެ. އެ ސިޓީގައި ޒަހާ ވިދާޅުވެފައިވަނީ، މަސްވެރިކަމާ ބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތަކުގެ ތެރެއިން ހަ ގަވައިދެއް ޑްރާފްޓް ނިންމައި ބަންޑާރަނައިބުގެ ލަފާފުޅަށް އެދި ފޮނުއްވާފައިވާ ކަމަށެވެ.

އެހެންކަމުން މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ހުށަހެޅުއްވީ ގަވައިދު ކޮމިޓީން ހުށަހެޅި ހުށަހެޅުން އިތުރަށް ދިރާސާ ކުރެއްވުމަށް އަނބުރާ ކޮމިޓީއަށް ފޮނުވުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ.

މެންބަރު ނަސީރުގެ ހުށަހެޅުއްވުމާ އެއްގޮތަށް އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވަން ފާސްކުރީ 69 މެންބަރުންގެ ވޯޓުންނެވެ. އެކަމާ ދެކޮޅަށް އެއްވެސް މެންބަރު ވޯޓެއް ނުދެއްވައެވެ.

ޒަހާގެ މި މައްސަލައިގެ ބަހުސްގައި މިނިސްޓަރު މަގާމުން އިސްތިއުފާދެއްވުމަށް އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވަނީ ގޮވާލައްވައިފައެވެ. އަދި މިނިސްޓަރު މަގާމުން އިސްތިއުފާ ނުދެއްވައިފި ނަމަ، މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މިނިސްޓަރުކަމުގެ މަގާމުން ޒަހާ ވަކި ކުރާނެ ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.