ކުއްލި ޚަބަރު

މިހާރު އެންމެ ބޮޑު އެއް މައްސަލަޔަކީ ކުއްޔަށް އުޅޭ މީހުން ގެއިން ނެރެލާ މައްސަލަ: މަބްރޫކް

1

މިހާރު އެންމެ ބޮޑު އެއް މައްސަލަޔަކީ ކުއްޔަށް އުޅޭ މީހުން ގެއިން ނެރެލާ މައްސަލަ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، މިހާރު ދިމާވަމުން އަންނަ އެންމެ ބޮޑު އިޖްތިމާއީ މައްސަލައަކީ ގެއަށް ކުލި ނުދެއްކި އަދި އެކަމާ ގުޅިގެން ގެއިން ނުކުތުމަށް އަންގަމުން ދިއުން ކަމަށެވެ. ނަމަވެސް އެއީ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ ހާލަތެއް ކަމަށާއި އެހެންކަމުން މިއީ ކާރިސާގެ ވަގުތުކަން ދަނެގެން ކޮންމެ މީހަކަށް ވެސް ލޯތްބާއި އަޅާލުން ދިނުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް އެބަ އަޑުއިވޭ ނުކުތުމުގެ ކުރިން ގޭގޭގެ ހިދުމަތް އެބަ ކަނޑާލާ. އާއިލާ ކުޑަކުދިންނާއެކު މަގުމަތި އެބަވޭ. މިކަހަލަ ކަންތައްތަކުގައި އެންމެންގެ އެއްބާރުލުން ބޭނުންވޭ. ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ. އަޅުގަނޑު ހިތައް އަރާ މިވަގުތު މީހަކު ގެއިން ނެރިގެން އިތުރު ކޮން މޮޅެއް ހޯދަންބާއޭ ބައެއް ފަހަރު އެކަން ކުރަނީ،" މަބްރޫކު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވަނީ އެފަދައިން ކަންތައްކުރާ މީހާއަށް ވިސްނައިދިނުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމަށާއި އަދި އެކަން އެގޮތަށް ކުރެއްވުމަށް އިލްތިމާސް ކުރައްވައިފައެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވެސް ވަނީ ކޮވިޑް 19 އާ ގުޅިގެން ދިމާވެފައިވާ އިގްތިސާދީ ދަތިތަކާއެކު ވަޒީފާތައް ގެއްލުމުންދާތީ އާއިލާ ބެލެހެއްޓުމުގައި ދަތިތައް ދިމާވަމުން އަންނަ ކަމަށެވެ. އަދި ގެއިން ނެރުމުގެ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ގިނަ ބަޔަކު ރަށަށް ދާން ބޭނުން ވެގެން ވެސް އެދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟