މިދިޔަ މަހު ގެވެށި އަނިޔާ ރިޕޯޓުކުރި އަދަދު 34 އަށް އަރާފައިވާ ކަމަށާއި ޖެހިލުން ނުވެ ރިޕޯޓުކުރުމަށް އެދޭ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅުވީ، ލޮކްޑައުންގެ ފުރަތަމަ ދޮޅު މަހެއްހާ ދުވަސް ތެރޭގައި ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވިކަން ތަފާސްހިސާބުތަކުން ފެންނަން ނެތް ކަމަށެވެ.
ނަމަވެސް ހާލަތު ބަދަލުވެގެން އަންނައިރު އެފަދަ މައްސަލަތައް ރިޕޯޓް ކުރުން އިތުރުވެގެން އަންނަކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ.
"(ގެވެށި އަނިޔާގެ މައްސަލަތައް) ރާއްޖޭން ބޭރުގެ ތަފާސް ހިސާބުތަކުން 30 ޕަސެންޓް ނުވަތަ 40 ޕަސެންޓް އިތުރުވެގެންދިޔަކަން ފާހަގަވި ނަމަވެސް ރާއްޖޭގައި ސަގާފަތް އޮތް ގޮތުން ނުވަތަ ދިރިއުޅުމުގެ ހާލަތު އޮތްގޮތުން އެފަދަ ފަރާތްތައް ރިޕޯޓްކުރުން ހާއްސަކޮށް މިދުވަސްކޮޅު އިތުރުވެގެންދިޔަކަން ފާހަގައެއް ނުކުރެވޭ،" ޔުމްނާ ވިދާޅުވިއެވެ.
އެގޮތުން މިދިޔަ މެއި މަހުގެ ތެރޭގައި ގެވެށި އަނިޔާގެ 34 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހެޅިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ޖެންޑާ މިނިސްޓްރީގެ ޗައިލްޑް ހެޕްލައިން 1412 އަކީ 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދެމުން އަންނަ ނަންބަރެއް ކަމުން ކޮންމެ ވަގުތެއްގައި ވެސް ޖިންސީ އަނިޔާ ނުވަތަ ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓް ކުރައްވަމުން ގެންދެވުމަށް އެދިވަޑައިގަތެވެ.