އަލީ ޔާމިން
ގޭގެޔަށް ޒިޔާރަތްކުރަމުންދާކަން ފާހަގަވާ ކަމަށާއި އެއީ މިފޭހުގައި ކުރުން ހުއްދަ ކަމެއް ނޫން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ލޮކްޑައުނަށް ލުއިދީފައިވާ ފުރަތަމަ މަރުހަލާގައި އެއްވެސް ވަރަކަށް ގޭގެއަށް ޒިޔާރަތް ކުރުމުގެ ހުއްދަ ދީފައި ނުވާ ކަމަށެވެ. ނަމަވެސް ގޭގެއަށް ޒިޔާރަތްކުރުން އިތުރުވާކަން ފާހަގަކުރެވޭ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ޑރ. އަފްޒަލް އިލްތިމާސްކުރެއްވިއެވެ.
"ގޭގެއަށް ޒިޔާރަތްކުރުން އިތުރުވެގެންދާކަން އެބަ ފާހަގަކުރެވޭ. މި ފޭސްގައި ގޭގެއަށް ޒިޔާރަތްކުރުމުގެ ހުއްދައެއް ނެތް ލިބިފައެއް." ޑރ. އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، ގެ ފޮޅުމަށް މިދުވަސްކޮޅު ބޭރު މީހުން ގެއަށް ގެނެއުމަކީވެސް ރައްކާތެރިކަމެއް ނޫން ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ މަގުތަކަށް ނުކުންނައިރު އެންމެންވެސް މާސްކް އެޅުން ކަމަށާއި ނަމަވެސް މާސްކް އެޅުން މަޖުބޫރު ވަނީ ބަންދުވެފައިވާ ތަނަކަށް ޒިޔާރަތްކުރާ މީހުންނާއި، އެފަދަ ތަނަކަށް ވަނުމަށް ކިޔު ހަދައިގެން ތިބޭ މީހުން ކަމަށެވެ. އަދި ބަލީގެ އަލާމާތްތައް ހުރި މީހެއް ނަމަވެސް މާސްކް އަޅަން ޖެހޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ކޮވިޑުގެ ނުރައްކާ ނެތް ރަށްރަށުގައި އިޖުތިމާއީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުޅުވާލި ނަމަވެސް ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް ޑރ. އަފްޒަލް އިލްތިމާސްކުރެއްވިއެވެ.