ކޮވިޑަށް ޕޮޒިޓިވްވި ބަޔަކު ފެނުމުން މޮނީޓަރިންގެ ހާލަތަށް ގެނައި ނ. މަނަދޫ އާންމު ހާލަތަށް ގެނެސްފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ މިހާރު މަނަދޫ އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
"ނ. މަނަދޫ މިވަނީ މިހާރު އާންމު ހާލަތަށް ގެނެވިފައި." އޭނާ ވިދާޅުވިއެވެ.
މަނަދޫގައި އުމުރުން 80 އަހަރުގެ އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވެގެން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. އެމީހާ މިދިޔަ މަހުގެ 18 ވަނަ ދުވަހުން ކޮވިޑުން ރަނގަޅުވި ފަހުން މިދިޔަ މަހުގެ 21 ވަނަ ދުވަހު ވަނީ މަރުވެފައެވެ.
މަނަދޫން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ޖުމްލަ ދިހަ މީހުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ އެރަށަށް ބަލި ދިޔަގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ،