އިތުރު 56 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 1829 އަށް އަރައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ވިދާޅުވީ އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00އާ ހަމައަށް ޖުމުލަ 56 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
"ރާއްޖޭގައި މިހާރު ޓެސްޓު ހެދެމުންދާ ތިން ލެބޯޓަރީއެއް އެބަހުރި. އެއީ އައިޖީއެމްއެޗްގެ ލެބޯޓަރީ އާއި ޕޮލިސްގެ ލެބޯޓަރީ އާއި އޭޑީކޭގެ ލެބޯޓަރީ. އެއްކޮށް ޖުމުލަ ސާމްޕަލްގެ ނަތީޖާ ލިބިފައި މިވަނީ 979 ސާމްޕަލެއްގެ. މީގެ ތެރެއިން 56 ޕޮޒިޓިވް ކޭސްއެއް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބައޮތް. އަދި މިވަގުތު ނަތީޖާ ނުލިބި ހުރި ސާމްޕަލްގެ އަދަދަކީ 424. މިއަދު ނެގިފައިވާ ސާމްޕަލުތަކުގެ އަދަދަށް ބަލައިލާ އިރުގައި 851 ސާމްޕަލެއް މިވަނީ މިއަދު ވެސް ނެގިފައި،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ޕޮޒިޓިވްވި 56 މީހުންގެ ތެރޭގައި ހިމެނެނީ 24 ދިވެއްސަކާއި 29 ބިދޭސީއަކު ކަމަށާއި އޭގެ ތެރެއިން ގިނަ މީހުންނަކީ ކްލަސްޓާތަކާ ގުޅުން ހުރި މީހުން ކަމަށެވެ.
"24 ދިވެހި ކޭސް، މީގެ ތެރެއިން އިންޑެޕެންޑެންޓް، މާނައަކީ އެހެން ކްލަސްޓާއަކާ ގުޅުމެއް ނެތް އެކަކު ފާހަގަކުރެވިފައިވޭ. އެހެން އެންމެން ވެސް އެއީ ކުރީގެ ކްލަސްޓާތަކާ ގުޅޭ މީހުން. ބިދޭސީންނަށް ބަލައިލާ އިރުގައި 29 ބިދޭސީން. މީގެ ތެރެއިން ހަތަރު މީހަކު އިތުރު ކްލަސްޓާތަކާ ނުގުޅޭ. 25 މީހުންނަކީ އަޅުގަނޑުމެންނަށް ފާހަގަކޮށްލެވުނު ކްލަސްޓާތަކާ ގުޅޭ މީހުން." އޭނާ ވިދާޅުވިއެވެ.