އަލީ ޔާމިން
ކޮވިޑް 19އާ ގުޅިގެން 150 އެއްހާ ފުލުހުން ކަރަންޓީނުގައި އެބަތިބި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން މިރޭ ވިދާޅުވީ، ކޮވިޑު 19އާ ގުޅިގެން މިހާތަނަށް 150 އެއްހާ ފުލުހުން ކަރަންޓީނުގައި އެބަތިބި ކަމަށެވެ. ނަމަވެސް ބައްޔަށް ޕޮޒިޓިވްވެފައިވަނީ ކިތައް ފުލުހުން ކަމެއް މިނިސްޓަރު ވިދާޅުވެފައެއް ނުވެއެވެ.
"މިހާތަނަށްވެސް 150 އެއްހާ ފުލުހުން ކަރަންޓީންގައި އެބަތިބި،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ، ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތުގައި ފުލުހުންނާއި ސިފައިންގެ ދައުރު ބޮޑު ކަމަށެވެ. ހާއްސަކޮށް ފުލުހުން ވަނީ ބޮޑު ގުރުބާނީއެއް ކަމަށާއި އެކަމަށްޓަކައި ފުލުހުންނަށް ހުރިހާ ރައްޔިތުންގެ ޝުކުރު ހައްގު ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ، މިވަގުތު މުޅި ގައުމުގެ ސަމާލުކަން އޮތީ ކޮވިޑަށް ހުއްޓިފައި ކަމަށާއި ނަމަވެސް މި ހާލަތުގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށެވެ.
ކޮވިޑުގެ ސަބަބުން އެކި މީހުން ކަރަންޓީން ކުރުމުށް ގެންދާ ފެސިލިޓީތަކުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓަނީ ފުލުހުންނެވެ. އަދި ލޮކްޑައުންގެ އަމަުރު ތަންފީޒުކުރުމަށް މަގުމަތީގައި ފޯރިމެރުމަށްވެސް ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެއެވެ. މީގެ އިތުރުން ޑެލިވަރީގެ ބައެއް ކަންކަމުގައްޔާއި، އާރްއާރްޓީ ޓީމުތަކުގައިވެސް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.