ކޮވިޑް ޖެހިގެން ރާއްޖޭގައި ފަރުވާ ދެމުން އައި އިތުރު މީހަކު މިއަދު މަރުވެ، މި ބަލީގައި ރާއްޖޭން މަރުވި މީހުންގެ ޖުމުލަ އަދަދު ހަޔަކަށް އަރައިފި އެވެ.
އެޗްޕީއޭއިން މީގެ ކުޑައިރުކޮޅެއް ކުރީން ބުނީ، ރާއްޖޭގައި ކޮވިޑަށް ފަރުވާދެމުން އަންނަނިކޮށް މިއަދު މަރުވީ ބަންގްލަދޭޝް މީހެއް ކަމަށެވެ. އުމުރުން 54 އަހަރުގެ އެމީހާ މަރުވެފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް މިއަދު މެންދުރުފަހު 2:30ގައި ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.
ކޮވިޑުގައި ރާއްޖޭން ހަމީހުން މަރުވެފައިވާ އިރު މީގެ ކުރީން މަރުވި ފަސް މީހުންގެ ތެރޭގައިވެސް ބަންގްލަދޭޝް ދެ މީހަކު ހިމެނެ އެވެ. ދެން ހިމެނެނީ ތިން ދިވެހީންނެވެ.
މީގެ ކުރީން މަރުވި ބަންގްލަދޭޝް ދެ މީހުންގެ ތެރޭގައި ހިމެނޭ އެކަކު އެއީ މާލޭގެ މަގުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މީހެކެވެ. އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައި އޮތް އެމީހާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މަރުވާ މީހުން ކޮވިޑަށް ޓެސްޓްކުރާ އާންމު އުސޫލުގެ ތެރެއިން ޓެސްޓު ކުރުމުންނެވެ.