ތިން ނޫހެއްގައި އެއް ލިޔުމެއް ޝާއިއުކުރި މައްސަލައިގައި ހިމެނޭ ފެށުން ނޫހަށް ނަސޭހަތްދިނުމުގެ އިތުރުން މި މައްސަލައިގައި ހިމެނޭ ސީއެންއެމް އަދި ރާއްޖެ އެމްވީއަށް ފިޔަވަޅު ނާޅަން މޯލްޑިވްސް މީޑިއާ ކައުންސިލް، (އެމްއެމްސީ) އިން ނިންމައިފި އެވެ.
މި ތިން ނޫހުގައި އެއް ލިޔުމެއް ޝާއިއު ކުރި މައްސަލަ އެމްއެމްސީން ބަލައި ނިންމައި، އެކަމުގެ ރިޕޯޓު މިއަދު ވަނީ އާންމު ކޮށްފައެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުން މި ހާދިސާ ހިނގި ގޮތް ސާފު ކުރުމަށް އެމްއެމްސީން ވަނީ ރާއްޖެ ޓީވީއަށް ގުޅައި، ކަން ހިނގި ގޮތް ސާފުކޮށްފައެވެ.
އެގޮތުން މި މައްސަލައިގައި ހިމެނޭ ލިޔުމަކީ ރާއްޖެ ޓީވީގެ ލިޔުންތެރިއެއްގެ ބުރަ މަސައްކަތުން ލިޔެފައިވާ ރިޕޯޓެއް ކަމަށާއި، މި ލިޔުން އެހެން ނޫސްތަކުގައި އެ ނޫސްތަކުގެ އަމިއްލަ ލިޔުމެއްގެ ގޮތުގައި ޝާއިއު ކޮށްފައިވަނީ ރާއްޖެއެމްވީ ސައިޓުގައި މި ލިޔުން ޝާއިއު ކުރި ފަހުން ކަމަށް އެނޫހުން މައުލޫމާތު ދިން ކަމަށް އެމްއެމްސީގެ ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި ރާއްޖެއެމްވީގެ ފަރާތުން އެކަން ކުށްވެރިކޮށް އެކަމާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެ މީޑިއާގެ މެނޭޖްމަންޓުން މަސައްކަތް ކުރާ ކަމަށް އެ ނޫހުން މީޑިއާ ކައުންސިލަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައި ވެއެވެ.
މި ލިޔުމާއި ގުޅިގެން ސީއެންއެމް އިން އެމްއެމްސީއަށް ދީފައިވާ މައުލޫމާތުގައި ބުނެފައި ވަނީ، މި މައްސަލައިގައި ހިމެނޭ ލިޔުން އެ ނޫހުގައި ޝާއިއު ކޮށްފައިވަނީ އެ ނޫހަށް ކޮންޓްރިބިއުޓް ކުރާ ލިޔުންތެރިޔެއް ކަމަށްވާ މުހައްމަދު ފައުޒާން އެ ނޫހަށް މި ލިޔުން ފޮނުވި ގޮތަށް، އުނިއިތުރުކަމެއް ނުގެނެސް ކަމަށް ސީއެންއެމް އިން ބުނާ ކަމަށް އެމްއެމްސީންގެ ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި އެ ލިޔުން ސީއެންއެމްއާ ހިއްސާ ކުރިއިރު އެހެން ނޫހަކާ ހިއްސާކޮށްފައިވާކަން އެނގިފައި ނުވާ ކަމަށް ސީއެންއެމް އިން ބުނެފައިވާ ކަމަށްވެސް އެމްއެމްސީން ބުނެއެވެ.
މީގެ އިތުރުން އެ ލިޔުމަކީ އެހެން ނޫހެއްގައި ޝާއިއުކޮށްފައިވާ ލިޔުމެއްކަން އެނގުމުން، ސީއެންއެމްގެ ވެބްސައިޓުން އެލިޔުން ނެގި ކަމަށާއި ނޫހަށް ލިޔުން ފޮނުވި ލިޔުންތެރިޔާއަށް ނޫހަށް ލިޔަން ދީފައިވާ ފުރުސަތުވެސް ނިމުމަކަށް ގެނެސްފައިވާނެ ކަމަށް އެ ނޫހުން ބުނެފައިވާކަމަށް އެމްއެމްސީން ބުނެއެވެ.
ރާއްޖެއެމްވީގައި ޝާއިއު ކުރި ލިޔުން ލިޔުނު ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަމްނާ އިމާދަށް އެމްއެމްސީން ގުޅިކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ. އަމްނާ ވަނީ މި ރިޕޯޓަކީ ރޯދަމަހުގެ ކުރިން އޭނާ ލިޔަން ފެށި ރިޕޯޓެއް ކަމަށް ބުނެފައިވާ ކަމަށް އެމްއެމްސީން ބުނެއެވެ. އަދި އަމްނާ މި ރިޕޯޓް ފުރަތަމަ ލިޔުމަށްފަހު އެހެން ނޫސްވެރިޔަކާ ހިއްސާކުރި ކަމަށާއި، ފަހުން 20 މެއި ގައި ރައީސް ސޯލިހު ގައުމާ މުހާތަބުކުރައްވައި ދެއްވި ހިތާބުގެ ބައެއް ހައިލައިޓްސް ހިމަނައި ރިޕޯޓު އެޑިޓް ކުރުމަށްފަހު އެ ނޫސްވެރިޔާއަށް ލިޔުން ކިޔައިލުމަށް އަލުން ފޮނުވިކަމަށް އަމްނާ ބުނެފައިވާ ކަމަށްވެސް އެމްއެމްސީން ބުނެފައި ވެއެވެ.
އެމްއެމްސީން ބުނީ އަމްނާ މި ލިޔުން ހިއްސާކުރި ނޫސްވެރިޔާ ވަނީ އަމްނާ އެ ދައްކަނީ ތެދު ވާހަކަ ކަމަށް އެމްއެމްސީއަށް މައުލޫމާތު ދީފައި ކަމަށެވެ. އަދި އޭނާއަށް ރިޕޯޓު ބަލައިލުމުގެ ފުރުސަތު ނުލިބުމުން ކުރީގެ ނޫސްވެރިޔަކާ ލިޔުން ހިއްސާކުރިކަމަށް މައުލޫމާތު ދިން ކަމަށްވެސް އެމްއެމްސީން ބުނެއެވެ. ނަމަވެސް މި ނޫސްވެރިންގެ ނަން އެމްއެމްސީގެ ރިޕޯޓުގައި އާއްމެއް ނުކުރެއެވެ.
މި މައްސަލައިގައި ފެށުން އޮންލައިން ހިމެނޭކަން އެނގިފައިވަނީ މީޑިއާ ކައުންސިލްގެ މެމްބަރު އަޒްމީ އަލީ މައްސަލަ ބެލި ކޮމިޓީގެ މުގައްރަރަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމުން ކަމަށް އެމްއެމްސީން ބުނެއެވެ. އަދި އެމްއެމްސީން ފެށުންގެ އެޑިޓަރު އަލީ ވިސާމް އަށް ގުޅިމުން މި ލިޔުމަކީ އެ ނޫހަށް ކޮންޓްރިބިއުޓް ކުރާ ނޫސްވެރިއެއް ފޮނުވި ލިޔުމެއް ކަމަށާއި، ލިޔުން ފޮނުވުމާއެކު އެ ނޫހުން ހިފަހައްޓާ މިންގަނޑު ތަކަށް ފެތޭ ލިޔުމަކަށް ވުމުން އެ ލިޔުން ނޫހުގައި ޝާއިއު ކޮށްފަިއވާނެ ކަމަށް ވިސާމް ވިދާޅުވި ކަމަށް އެމްއެމްސީން މައުލޫމާތު ދެއެވެ.
ފެށުން އޮންލައިންގައި މި ލިޔުން ޝާއިއު ކުރިއިރު މި ލިޔުމަކީ އެހެން ނޫހެއްގައި ޝާއިއު ކޮށްފައިވާ ލިޔުމެއްކަން ނޭނގޭ ކަމަށް އެނޫހުން ބުނާ ކަމަށާއި މި ލިޔުން އެހެން ނޫހެއްގައި ޝާއިއުކޮށްފައިވާކަން އެނގުމުން ލިޔުން ވެބްސައިޓުން ނެގިކަމަށް ވެސް އެނޫހުން ބުނެފައިވާ ކަމަށް އެމްއެމްސީގެ ރިޕޯޓުގައި ބުނެއެވެ. ނަމަވެސް މި ލިޔުމަކީ ރާއްޖެއެމްވީ ގެ އަމްނާ އިމާދު ލިޔުނު ލިޔުމެއްކަން ބުނާ ބުނުން ދޮގު ކުރާކަމަށާއި އެކަމުގެ ހަގީގަތް ހާމަ ކުރަން ޖެހޭ ހާލަތެއްގައި އެކަން ކުރަން ތައްޔާރު ކަމަށް ފެށުން ނޫހުން ބުނާކަމަށް ވެސް އެމްއެމްސީގެ ރިޕޯޓުގައި ވެއެވެ.
މި ހުރިހާ މައުލޫމާތުތަކަށް ބަލާއިރު، އެންމެ ފުރަތަމަ މި ލިޔުން ޝާއިރު ކުރީ ރާއްޖެ.އެމްވީ، ފެން ފެށުން އޮންލައިން އަދި ސީއެންއެމްގައިކަން ފާހަގަވި ކަމަށް އެމްއެމްސީ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މި ތިން ލިޔުމުގައި މާބޮޑު ތަފާޓެއް ނުވާކަން ފާހަގަވާ ކަމަށް އެމްއެމްސީން ބުނެފަިއވެއެވެ.
މީގެ އިތުރުން ރާއްޖެއެމްވީން މި ލިޔުމަކީ އެނޫހުގެ ލިޔުމެއް ކަމަށް ބުނިނަމަވެސް އެކަން ފެށުން އޮންލައިން އިން ދޮގު ކުރާ ކަމަށާއި، ގާނޫނީ ގޮތުން އެކަން ސާބިތު ކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށް ބުނެފައިވާ ކަމަށް އެމްއެމްސީން ބުނެއެވެ. ނަމަވެސް އެފަދަ އެއްވެސް ހެއްކެއް ފެށުން އޮންލައިން އިން އެމްއެމްސީއާ ހިއްސާ ނުކުރާކަމަށް އެމްއެމްސީން ބުނެއެވެ.
މިކަންކަމަށް ބެލުމަށްފަހު އެމްއެމްސީގެ މި މައްސަލަ ބެލި ކޮމިޓީން ވަނީ ފެށުން އޮންލައިންއަށް ނަސޭހަތް ދިނުމަށް ނިންމައިފައެވެ. އެމްއެމްސީގެ މި ނިންމުމަކީ މި ލިޔުމަކީ "ފެށުން އޮންލައިން" އަށް އެހެން މީހަކު ފޮނުވި ލިޔުމެއް ކަމަށް ބުނާއިރު، މި ލިޔުން ޝާއިއު ކޮށްފައިވަނީ ނޫހުގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ކަމަށް ވާތީ ނިންމި ނިންމުމެއް ކަމަށް އެމްއެމްސީން ބުނެއެވެ.
މީގެ އިތުރުން މި ލިޔުމާއި ގުޅިގެން ސީއެންއެމް އިން އަމިއްލަ ގޮތުން އެކަށީގެންވާ އިދާރީ ފިޔަވަޅު އަޅާފައިވާތީ އެ ނޫހާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅަން ޖެހޭކަމަށް ނުފެންނަ ކަމަށް އެމްއެމްސީގެ ނިންމުމުގައި ބުނެފައި ވެއެވެ. އަދި މިވަގުތު އެމްއެމްސީއަށް ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު ރާއްޖެއެމްވީއަށް ސުލޫކީ ފިޔަވަޅެއް އަޅާނެ ތަނެއްވެސް އޮތްކަމަށް ނުފެންނަ ކަމަށް އެމްއެމްސީން ވަނީ ނިންމައިފައެވެ.