މުހައްމަދު އައުޒަމް
މުޒާހަރާ ހޫނުވެ ރައްކާތެރިކަން ހޯއްދެވުމަށް ޓްރަމްޕް ވައިޓްހައުސްގެ ބަންކަރުގައި މަޑުކުރައްވައިއެވެ.
އެމެރިކާގެ ވައިޓްހައުސްގައި ހުންނަ އެގްޒެކެޓިވް މެންސަން ސަރަހައްދުގައި މުޒާހަރާ ކުރަމުންދިޔަ އެތަކެއް ސަތޭކަ މީހުން ގާއުކައި ފުލުހުން ބަހައްޓާފައި ހުރި ބެރިކޭޑުތަކަށް ގެއްލުން ދޭން ފެށުމާއެކު ސީކްރެޓް ސާވިސް އެޖެންޓުން ވަނީ ރައީސް ޓްރަމްޕް ވައިޓް ހައުސްގެ ބަންކަރަށް ބަދަލުކޮށްފައެވެ.
ވައިޓް ހައުސްގެ ބަންކަރަކީ ސަލާމަތީގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި ހުންނަ ބަންކަރެކެވެ. ޓެރަރިސްޓު ހަމަލާތައް ފަދަ އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ ބޭނުންކުރުމަށް ހަދާފައި ހުންނަ ތަނެކެވެ. ރައީސް ޓްރަމްޕް ވަނީ ސީކްރެޓް ސާވިސްގެ ބެލުމުގެ ދަށުން ގަޑިއެއްހާއިރު ބަންކަރުގައި މަޑުކުރައްވާފައި ކަމަށް އަލްޖަޒީރާއިން ބުނެއެވެ.
މިނެޕޮލިސް ގައި ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑް އަނިޔާވެރިކޮށް ހައްޔަރު ކުރުމުގެ ތެރޭގައި މަރުވުމާއެކު އެމެރިކާގެ އެކި ހިސާބުތަކުގައި ކުރަމުން އަންނަ މުޒާހަރާތައް ހޫނުވެ ބޮޑެތި ގެއްލުން ތަކެއް ދަނީ ލިބެމުންނެވެ.
އެމެރިކާގެ ގިނަ ސިޓީތަކެއްގައި ކާފިއު އިއުލާން ކޮށް އެގައުމުގެ ސަލާމަތީ ކަންކަން ހަމަޔަކަށް އަޅުވަން ނެޝަނަލް ގާޑް ނެރުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.