ހާލު ބޮޑު 33 ބަލި މީހަކު އާސަންދައިގެ އެހީގައި ރާއްޖޭން ބޭރަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އާސަންދަ އިން ބުނެފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު ވިދާޅުވީ، ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހޭ މީހުންގެ ތެރެއިން އެންމެ ހާލު ބޮޑު 33 މީހަކު ރާއްޖެއިން ބޭރަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ރާއްޖެއިން ބޭރަށް ގެންދަން ޖެހޭ ވަރަށް ގިނަ ބަލި މީހުން އެބަތިބި. އޭގެ ތެރެއިން ފުރާނައިލެވިގެން އެންމެ ހާލު ސީރިއަސް 33 ބަލި މީހަކު ބޭރަށް ގެންދިއުމުގެ މަސައްކަތް މިދަނީ ކުރަމުން،" މަރިޔަމް ޝަފީގް ވިދާޅުވިއެވެ.
މަރިޔަމް ވިދާޅުވީ އެ 33 މީހުން ރާއްޖެއިން ބޭރަށް ގެންދިއުމަށް ފޮރިން މިނިސްޓްރީން ސްރީލަންކާ އާއި އިންޑިއާއާ ވާހަކަދައްކަމުން އަންނަ ކަމަށެވެ. އަދި އެގޮތަށް ގެންދެވޭ ބަލި މީހުންނަކީ ރާއްޖެއިން އެއްވެސް ވަރަކަށް ލިބެން ނެތް ފަރުވާތައް ހޯދަން ޖެހޭ މީހުން ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މަރިޔަމް ވިދާޅުވީ، އާސަންދައިގެ އެހީގައި ބޭސްފަރުވާއަށް ގޮސް ތިިބި 114 ބަލި މީހުންނާއި އެމީހުންގެ އެހީތެރިން ރާއްޖެ ގެނެސްދީފައިވާނެ ކަމަށެވެ.
ލޮކްޑައުންއާ ގުޅިގެން މިހާތަނަށް 44 މީހަކު ފަރުވާއަށް އެއްރަށުން އަނެއް ރަަށަށް ގެންދިއުމަށް 31 ފްލައިޓެއް އާސަންދައިގެ ހަރަދުގައި ޗާޓަރު ކުރެވިފައިވާ ކަމަށާއި އިމެޖެންސީ އިވެކުއޭޝަންގެ ދަށުން 300 އަށްވުރެ ގިނަ ބަލި މީހުން އެއްރަށުން އަނެއް ރަށަށް ގެންގޮސްދީފައިވާނެ ކަމަށް ވެސް މަރިޔަމް ވިދާޅުވިއެވެ.